ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިހް އިމްރާން އަބްދުﷲ އަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ، 2015 ވަނަ އަހަރު އެވެ. އެއީ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި، އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތު ވުމުންނެވެ. ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް މުރާޖާކުރަން ސުޕްރީމް ކޯޓުން ނިންމާފައިވާ އިރު، އެ ހުކުމް މުރާޖާކޮށް ނިމެންދެން އެމަނިކުފާނު ބަންދުން ދޫކޮށްލުމަށް މިހާރު ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަަމުރެއް ނެރެފަ އެވެ.
ޝެއިހް އިމްރާނު ބަންދުން ދޫކޮށްލުމަށް ފަހު ވަކި މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއު، "ސަން"އަށް ދެއްވަމުން ވިދާޅުވީ ޖަލުގައި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އަބްދުލްޣަފޫރާ ބައްދަލުވި ކަމަށެވެ. އަދި އޭނާ އާ އެކު ދެކެވުނު ވާހަކަތަކެއް، ޝައިހު ވަނީ ސަންއާ ހިއްސާ ކުރައްވައިފަ އެވެ. އެ ވާހަކަތަކުގައި ކުރީން ނޭނގޭ އެތައް ވާހަކަތަކެއް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.
ޖަލަށް ދާން ޖެހުނު ސަބަބު
ޝައިހް އިމްރާން ވިދާޅުވީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން، އެމަނިކުފާނު ބަހައްޓާފައި ހުރި ގޮޅިއާ ޖެހިގެން ހުރި ގޮޅިއަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބައްދަލު ކުރި ކަމަށެވެ. އަދި ޝައިހް އިމްރާން ޖަލަށް ލެވުނު ސަބަބާ މެދު އަދީބާ އެކު ވާހަކަތަކެއް ދެކެވުނު ކަމަށް ވިދާޅުވި އެވެ.
"ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގެނެވުނު އަޅުގަނޑު ޖެހިގެން އޮތް ގޮޅިއަށް. ވިދާޅުވި ޝައިހް ޖަލަށް ލެވުނީކީ މުޒާހަރާއެއް ކޮށްގެނެއް ނޫނޭ. ނޫނީ މުޒާހަރާ ތެރޭގައި ހިނގައި ދިޔަ ކަމަކާ ގުޅިގެނެއް ނޫނޭ،"
އަދީބު ވިދާޅުވި ގޮތުން ޝައިހް އިމްރާން ޖަލަށް ލެވުނީ އެމަނިކުފާނު އިދިކޮޅު އެހެން ޕާޓީތަކާ ގުޅިވަޑައިގެން ރައީސް ޔާމީނާ ދެކޮޅަށް މަސައްކަތް ފެއްޓެވުމުންނެވެ.
އަޅުގަނޑު ޖަލަށް ލެވުނު ހިސާބަކީ ރައީސް ނަޝީދު ޖަލަށްލައި، ކާނަލް ނާޒިމް ޖަލަށް ލީމާ، ހުރިހާ ޕާޓީތައް އެއްކޮށްގެން، އެ ޕާޓީތަކުގެ ބޭފުޅުން ގޮވައިގެން އެންމެން އެއްކޮށްގެން މަސައްކަތް ފެށި ހިސާބުން (ދެން ރައީސް ޔާމީން) ވިދާޅުވެއްޖެ، ދެން މީނަ ދޫކޮށްލާފައި ބަހައްޓާކަށް ނުވާނެއޭ ރަނގަޅެއް، އަދީބު ދެއްކެވި ވާހަކަތައް ޝައިހް އިމްރާން ކިޔައިދެއްވި އެވެ.
ޝައިހް އިމްރާން ވިދާޅުވީ، އެމަނިކުފާނު ޖަލަށް ނުލައި ހުރީ ޖަލަށް ލާން ރަނގަޅު ވަގުތެއް ނައިސްގެން ކަމަށް އަދީބު ވިދާޅުވި ކަމަށެވެ. އަދި އޭނާ ޖަލަށް ލާން ރަނގަޅު ވަގުތެއް ކަމަށް ރައީސް ޔާމީނަށް ބެލެވުނު ވަގުތުގައި ޖަލަށްލީ ކަމަށް ވިދާޅުވި އެވެ.
"އެކެއް މޭގައި ޖަލަށް ލާން ގިނަ ކަންތައްތަކެއް ރޭވި"
މޭޑޭގައި ފުލުހުންގެ ސަފު ފޫއަޅުވާލައި ޕިކަޕެއް ދުއްވާލި މައްސަލާގައި މީހެއްގެ މައްޗަށް ދައުވާ ވެސް ކުރި އެވެ. އޭރު އަޑު ފެތުރުނު ގޮތުގައި އެ ޕިކަޕް ދުއްވި މީހާ އެކަން ކުރީ ޝައިހް އިމްރާންގެ އޯޑަރަށެވެ. އަދި އެ ދުވަހު ޕިކަޕަކަށް ޕެޓްރޯލު އަޅައި ގޮއްވާލަން އުޅުނު ކަމަށް ވެސް އަޑު ފެތުރުނެވެ. ޝައިހް އިމްރާން ވިދާޅުވީ، އެ ހުރިހާ ކަންތައްތަކަކީ އެމަނިކުފާނު ޖަލަށް ލުމަށް ޓަކައި ރޭވި ރޭވުމެއްގެ ތެރެއިން ކުރި ކަންކަން ކަމަށެވެ.
"ރައީސް ޔާމީން، އަޅުގަނޑު އަޑުއެހިން އެނގޭތޯ ތިން ދުވަހަކު ވިދާޅުވި އަޑު، އެކެއް މޭގައި ލޮރީއެއް އެތަނަށް ވައްދައިގެން ޕެޓްރޯލު އަޅައިގެން ގޮއްވާލަން އުޅުނޭ، ބާރު ސްޕީޑެއްގައި ގޮސް،" އަދީބާ ހަވާލާދީ ޝައިހު ވިދާޅުވި އެވެ.
"އަދީބުގެ ވާހަކަފުޅުން އެނގުނު، އެ ލޮރީ އެއީ ސީދާ އެ ބޭފުޅުން ރާވައިގެން ކުރެއްވި ކަމެއްކަން،"
ޝައިހް އިމްރާން ވިދާޅުވީ މޭޑޭގައި އެމަނިކުފާނު ޖަލަށް ގެންދިޔުމަށް ޓަކައި އޭގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ރޭވި ކަމަށެވެ.
"އެ ބޭފުޅުން ސީދާ ރާވައިގެން އަޅުގަނޑު ޖަލަށް ގެންދިޔުމަށް ޓަކައި ރޭވި ކަންތައްތަކުގެ ތެރެއިން އެއްކަންތައް އެއީ. އެހެންވީމާ އަޅުގަނޑު ޖަލަށް ގެންދިޔުމަށް ޓަކައި ވަރަށް ގިނަ ކަންތައްތަކެއް ރާވާާފައި ހުރި އެ ދުވަހު ހިންގަން،" އިމްރާން ވިދާޅުވި އެވެ.
"އެދުވަހު ހިނގާފައި ހުރި ހުރިހާ ކަންތައްތަކަކީ އަޅުގަނޑު ޖަލަށް ލުމަށްޓަކައި ރާވައި ހިންގާފައި ހުރި ކަންތައްތަކެއް."
ފަނޑިޔާރުގެ ނުފޫޒުގެ ދަށުގައި؟
ޝައިހް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ހުކުމް ކުރީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާފައި އޮތުމުން ކަމަށް ދޭހަވާ ގޮތަކަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އަދި މިއަދު ރާއްޖެ އޮތް ހާލުގައި އޮތީ ސަރުކާރުން ޖުޑިޝަރީގެ މައްޗަށް ބާރު ފޯރުވުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް އެމަނިކުފާނު ދެކެވަޑައިގަންނަ ވަނީ ފަނޑިޔާރުން ނިންމުންތައް ނިންމަމުން ދިޔައީ، މަޖުބޫރުވުމުން ކަމަށެވެ. އެގޮތުން، އެފަދަ ހުކުމްތައް ނެރެން ޖެހިވަޑައިގަންނަވާނީ ފަނޑިޔާރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަފުޅު ދެއްކެވި އެވެ. އަދި، އެމަނިކުފާނުގެ ރަހުމަތްތެރި ފަނޑިޔާރަކު "ކިހާ ދެރަ ކަމެއް ޝައިހްމެން ފަދަ މީހުން ވެސް ޖަލަށް ލައިގެންނޭ ގެންގުޅެން މި ޖެހެނީ،" މިފަދައިން، އެމަނިކުފާނުގެ ރަހުމަތްތެރި އެހެން ފަނޑިޔާރަކަށް ވިދާޅުވި ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑަށް ފާހަގަވޭ ވަރަށް ރަނގަޅު ބޭފުޅުން ޖުޑިޝަރީގައި ތިއްބަވާ އިރު، އެބަ ތިއްބެވި ހަމަ ރަނގަޅު ބޭފުޅުން ވެސް. އަޅުގަނޑަށް ފާހަގަވާ ކަމެއް، މުސްކުޅިންގެ ހަރުބަހެއް އޮވޭ ދެއްތޯ އަހިވަކާ ޖެހި އަހިވަށް ފާވާނެއޭ. ވަރަށް ރަނގަޅު ބޭފުޅުން ވަޑައިގަންނަވާ ހަމަ ޖުޑިޝަރީ އިސްލާހު ކުރައްވަން. އެކަމަކު އެތާ އެތެރެއަށް ވަދެ މަސައްކަތް ފަށާ އިރުގައި ވާގޮތަކީ އެތާ އެތެރޭގައި ފެންނަ ކަންތަކާ ހުރެ، މި ދިމާވަނީ އޭނަ ރަނގަޅަށް ހުރެއްޖެއްޔާ އޭނަ ގޯސް ވަނީ، އެހެންވީމަ ރަނގަޅަށް ހުރެވޭކަށް ވެސް ނެތް،"
ޝައިހް އިމްރާން ވިދާޅުވީ ޖުޑިޝަރީ ރަނގަޅު ކުރުމަށް ޓަކައި އެންމެ މުހިންމު ކަމަކީ ސަރުކާރުގެ ބާރު ނުހައްގު ގޮތުގައި ޖުޑިޝަރީގެ މައްޗަށް ފޯރުވުން ކުޑަ ކުރުން ކަމަށެވެ. އަދި ފައިސާގެ ނުފޫޒު ގަދަ ނުފޫޒުތަކުން ޖުޑިޝަރީ ސަލާމަތް ކުރެވޭނެ ނިޒާމެއް އުފެއްދުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ ނޫނަސް ޖުޑިޝަރީ އިސްލާހު ކުރަން ގިނަ ގުނަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށާއި، އެކަމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވޭނީ ޖުޑިޝަރީގެ ތެރެއިން ކަމަށް ޝައިހް އިމްރާން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ޖަލުގައި ހުންނެވީ، ރައީސް ޔަމީން ވެރިކަމުގައި ހުންނެވިހާ ދުވަހަކު ޖަލުގައި މަޑު ކުރަން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ އަމިއްލަފުޅު ބޭފުޅުންގެ ކިޔެވުމަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުތަކެއް ކުރި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް، ޖަލުގައި ހޭދަ ކުރައްވަން ޖެހުނު ދުވަސްތަކަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިމްތިހާނެކެވެ. އެއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ ކަންކަން އިސްލާހުގެ މަގަށް ގެނައުމުގައި ކުރާ މަސައްކަތަށް ބޭނުންތެރި ފިލާވަޅެއް ލިބުނު ކަމެކެވެ.