ރައްޔިތުންގެ މަޖިލީހަށް އާ ރައީސަކު އިންތިހާބުކުރުމަށް ނެގި ވޯޓުން ނާކާމިޔާބުވުމަކީ އެއްގޮތަކަށްވެސް ކަންބޮޑުވެ، މާޔޫސްވާ ކަމެއްނޫންކަމަށް އެ ވޯޓުން ނާކާމިޔާބުވެވަޑައިގެންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ރޭ ތަވަލުކޮށްފައި ވަނިކޮށް އިއްޔެ މެންދުރުގެ ވަގުތެއްގައި، އެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
އެކަމާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި، މަޖިލީހަށް އާ ރައީސަކު އިންތިހާބުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. މަޖިލީހުގެ ރައީސްކަމަށް ވާދަކުރެއްވީ އަބްދުއްރަހީމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމެވެ.
Majilis Raees kamah nuhovumakee ekamaa Alhugan’du Ehgothakahves kanboduve mayoosvaa kameh noon.Alhugan’du Dhivehi Gaumaai PPM adhi RY ah takai vaan jehunu konme Gurubaanee eh vaanee libey ufaleh kamuga dhekigen.abadhuves alhugan’daa Alhugandu ge aailaa onnaanee RY eku Saabithuve.
— Abdul Raheem Abdulla (@Banafsaa) November 1, 2018
މަޖިލީހުގެ ރައީސަކު ހޮވުމަށް ނެގި ސިއްރު ވޯޓުން 62 ވޯޓާއެކު ކާމިޔާބު ހޯއްދެވީ ގާސިމްއެވެ. އަބްދުއްރަހީމަށް ލިބިވަޑައިގަތީ 16 ވޯޓެވެ.
އެ ނާކާމިޔާބީއަށްފަހު އޭނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ނުހޮވުމަކީ އެކަމާ އެއްގޮތަކަށްވެސް ކަންބޮޑުވެ، މާޔޫސްވާ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދިވެހި ގައުމާއި ޕީޕީއެމް އަދި ރައީސް ޔާމީނަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާނީ ލިބޭ އުފަލެއްގެ ގޮތުގައި ދެކިގެން. އަބަދުވެސް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އޮންނާނީ ރައީސް ޔާމީނާއެކު ސާބިތުވެ،" އަދުރޭ ވިދާޅުވިއެވެ.
މަޖިލީހުގެ ކުރީގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 51 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވެއްދީ ނިމިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އެ މައްސަލަ ވެއްދުމާއެކު އިދިކޮޅު އިއްތިހާދުން ވަނީ މަޖިލީހުގެ ރައީސްކަމަށް ގާސިމް އިބްރާހިމް ގެނައުމަށް ތާއީދުކުރަން ނިންމާފައެވެ.
ހަމަ އެ ދުވަހު އަބްދުއްރަހީމް ޓްވިޓާގައި ވަނީ، މަސީހު މަގާމުން ބޭރުކޮށްފިނަމަ އެމަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން، އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ ކުރައްވާނެ ކަންކަމުގެ ވައުދުތައް ހާމަކުރައްވައިފައެވެ. އޭގެ ތެރޭގައި މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑުކުރުމާއި، ކޮންމެ ދައުރަކަށް މަޖިލީހަށް ގޮނޑި އިތުރުވާ ދިއުމަށް ނިމުމެއް ގެނައުމަށް މަސައްކަތްކުރުން ހިމެނެއެވެ.
Alhugan’dah Majilis Raees kan libijje nana membarunge musaara 150,000/- ah hama jahsan hushahalhaanan.IA #ManifestoAR
— Abdul Raheem Abdulla (@Banafsaa) October 24, 2018
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް ރޭ ތާވަލުކުރީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން، 45 މެމްބަރެއްގެ ސޮޔާއެކު ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.