ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް 2017 ވަނަ އަހަރުގެ ޖުލައި މަހު ހުށަހެޅި މައްސަލަ ސައްހަކަމަށް ނިންމައި، އެ މައްސަލަ ކުރިއަށް ގެންދިއުމަށް މާދަމާއަށް ތާވަލުކޮށްފިއެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ރޭގަނޑު 8:00 އަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހު ހުށަހެޅީ 45 މެމްބަރުންގެ ވޯޓާ އެކުގައެވެ.
އެހެން ނަމަވެސް އެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ 12 މެމްބަރަކު އެޕާޓީން ވަކިކުރުމާ ގުޅިގެން އެ މެމްބަރުންގެ ގޮނޑި ގެއްލިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުންވާ 42 ސޮއި ހަމަނުވާކަމަށް ނިންމައި، އެ މައްސަލަ މިދިޔަ އަހަރު ވަނީ ބާތިލުކޮށްފައެވެ.
އެހެން ނަމަވެސް 12 މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުން ވަކިވަކިން ބަލައި، ނިންމާފައިވަނީ 12 މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭ ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސައްހަކަމަށް ނިންމައި، އެ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ނިންމި އިރު، މިދިޔަ ހަފްތާގައިވެސް އިދިކޮޅު ފަރާތްތަކުން ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 51 މެމްބަރުންގެ ސޮއިއާއެކު މަޖިލީހަށް ވައްދާފައެވެ.
އެ މައްސަލަ ވެއްދުމަށްފަހު އިދިކޮޅު ޕާޓީތައް ހިމެނޭ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ މަސީހު މަގާމުން ދުރުކުރުމަށްފަހު މަޖިލީހުގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެނައުމަށް ނިންމާފައެވެ.