އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް އެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިރޭ ފާސްކޮށްފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހެޅި ބިލު ދިރާސާކުރުމަށް މަޖިލީހުން ނެގި ހަތް މެމްބަރުންގެ ކޮމިޓީން ނިންމީ އެ ގާނޫނު އުވާލުމަށެވެ.

އެ ގާނޫނު އުވާލީ މަޖިލީހަށް މިރޭ ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓާއެކުއެވެ. ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓުދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު ތިއްބެވިއެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމުގެ މަރުހަލާގައި މެމްބަރުން ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ބެހޭގޮތުން މެމްބަރުންގެ ޝުއޫރު ފާޅުކުރައްވާފައެވެ. އެގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އެ ގާނޫނު އުވާލުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ގައި ކުރި ހުކުމެއްގައި ބުނީ މަޖިލީހުގެ މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ، ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މެމްބަރުކަމުން ވަކިވާނެކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމަށް މަޖިލީހުގެ މައްޗަށް ހުކުމުގައި ލާޒިމުވެސް ކޮށްފައިވެއެވެ.

އެ ގާނޫނު މަޖިލީހުން ފާސްކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

comment ކޮމެންޓް