ޓިވެކުން 44 ދަރިވަރުން ދަސްވެނިވެއްޖެ

ޓިވެކުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އޭދަފުށީ ޓައިމްސް

ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުކުރުމުގެ ގޮތުން ބ. ކިހާދޫގައި ގާއިމްކުރި އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަަރު (ޓިވެކް)އިން ހިންގި ކޯސްތަކުގެ ފުރަތަމަ ބެޗުން 44 ހަތަރު ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިޔާތުގައި އެ ދަރިވަރުންނަށް ދަސްވެނިވުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޓިވެކްގެ އެކެޑަމިކް ޑައިރެކްޓަރ ނާޝިހް ޖަމާލްއެވެ.

ޓިވެކުން ހިންގި ފުރަތަމަ ބެޗުގައި ތިން ކޯހެއް ވަނީ ހިންގައިފައެވެ. އޭގެ ތެރޭގައި އިންޖިން ރިޕެއާ އެންޑް މެނޭޖްމަންޓާއި އޭސީ އެންޑް ރެފްރިޖިރޭޝަން ރިޕެއާ އަދި އިލެކްޓްރިޝަން ކޯސް ހިމެނެއެވެ.

އޭގެ ތެރެއިން އިލެކްޓްރިޝަން ކޯހުގެ ލެވަލް 3ގެ ސެޓްފިކެޓް 12 ދަރިވަރުން ހާސިލްކޮށްފައިވާއިރު، އޭސީ އެންޑް ރެފްރިޖިރޭޝަން ރިޕެއާ ކޯހުން 15 ދަރިވަރުން ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ. އަދި އިންޖިން ރިޕެއާ އެންޑް މެނޭޖްމަންޓު ކޯހުން 17 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ޓިވެކުގެ ފުރަތަމަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އޭދަފުށީ ޓައިމްސް

ޓިވެކުގެ ކޯސްތައް ފުރިހަމަ ކުރާ ފަރާތްތަކަށް އަމާޒުކޮށް މިހަފުތާގެ ތެރޭގައި އެ އިންސްޓްޓިއުޓުން ވަނީ ކެރިއާޑޭއެއްވެސް ބާއްވައިފައެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކެރިއަރ ޑޭއަކީ ރިސޯޓުތަކާއި އަމިއްލަ ފަރާތްތަކުން އެދިގެން ބޭއްވި ޑޭއެއް ކަމަށެވެ.

އެ ހަރަކާތަކީ ޓިވެކްގެ ދަށުން ތަމްރީންތައް ފުރިހަމަކުރާ ދަރިވަރުންނަށް ރިސޯޓްތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށްވެސް ނަޒީފް ވިދާޅުވިއެވެ.

"އޭގައި ބައިވެރި ފަސް ރިސޯޓާއި އަދި އަމިއްލަ ދެ ކުންފުންޏަކުންވެސް. އެ ތަންތަނުގައި ވަޒީފާގެ ފުރުސަތު ދަރިވަރުންނަށް ވަނީ ހޯދައިދެވިފައި،" ނަޒީފު ވިދާޅުވިއެވެ.

comment ކޮމެންޓް