ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ މިކަން "ސަން"އަށް ކަށަވަރު ކޮށްދީފައެވެ.
މަސީހު އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިންގުމަށް މިރެއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 51 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ވައްދާފައިވަނިކޮށް، މީގެ ކުރިން މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި 43 މެންބަރުންގެ ސޮޔާއެކު ވެއްދި މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ އާންމު ކޮމެޓީ އިން ވަނީ ނިންމައިފައެވެ.
މި މައްސަލަ ކުރިއަށް ގެންދަން ނިންމީ ގޮނޑިގެއްލުނު ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ހުކުމް ކުރުމުންނެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ އެ 12 މެންބަރުންގެ ސޮޔާއެކުއެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީސް ރައީސްގެ ގޮތުގައި ހުންނަވާ މަސީހު ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވައިފައެވެ.
— Ahmed Nihan (@ahmed_nihan)
"ޕީޕީއެމްގެ ޓީމް ޕްލޭޔަރެއްގެ ގޮތުގައި ކެތްތެރިކަމާއެކު ކުރެއްވި ހިތްވަރަށް އައްސަރިބަހާ ސާބަސް ދަންނަވަން، ނިހާންގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މަސީހު މަގާމުން ދުރުކުރުމަށް މިދިޔަ އަހަރުވެސް ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.