ވެއްޓުނު މަތިންދާބޯޓުގެ ކަޅު ފޮށި ފެނިއްޖެ

ބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންނަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާއެއް ކުރަނީ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (ނޮވެމްބަރު 1): މިދިޔަ ހޯމަ ދުވަހު ވެއްޓުނު އިންޑޮނޭޝިއާގެ މަތިންދާބޯޓުގެ ކަޅު ފޮށި ފެނިއްޖެ ކަމަށް އެ ގައުމުގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން ބުނެފި އެވެ.

ލަޔަން އެޔާގެ ފްލައިޓު ޖޭޓީ 610ގެ ބައިތައް ޖާވާ ކަނޑުން ހޯދަމުންދާ ޑައިވަރަކު ބުނި ގޮތުގައި ބޯޓުގެ ކަޅު ފޮށި ފެނިފައި ވަނީ ކަނޑު އަޑި ކޮނެގެންނެވެ.

ބޯޓުގެ ކަޅު ފޮށި ނުވަތަ ފްލައިޓު ރެކޯޑާ ލިބުމުން، އެންމެ ފަހު ވަގުތު ބޯޓަށް ވީ ގޮތް ދެނެގަންނަން ފަސޭހަ ވާނެ އެވެ.

ޖަކާޓާ އިން ނައްޓާލިތާ 13 މިނިޓު ތެރޭ ގުޅުން ކެނޑުނު އެބޯޓު ވެއްޓެން މެދުވެރިވި ސަބަބު އަދި ޔަގީންވެފައެއް ނުވެ އެވެ. ލަޔަން އެޔާގެ ސީއީއޯ އެޑްވާޑް ސިރައިތު ވަނީ އެބޯޓުގައި މީގެ ކުރިން ޓެކްނިކަލް މައްސަލައެއް ޖެހުނު ނަމަވެސް، އެމައްސަލަ ހައްލުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑޮނޭޝިއާގެ ނެޝަނަލް ޕޮލިސް ޑެޕިއުޓީ ޗީފާ ހަވާލާދީ ޖަކާޓާ ޕޯސްޓުގައިވާ ގޮތުން، އެބޯޓުގައި ތިބި 189 މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް މިހާތަނަށް ވަނީ ފެނިފަ އެވެ.

އަދި އެއީ ކޮން ބަޔެއްކަން ދެނެގަތުމަށް ޓަކައި ފުލުހުން މިހާރު ދަނީ ޑީއެންއޭ ޓެސްޓުތައް ހަދަމުން ކަމަށް އެނޫހުގައިވެ އެވެ.

comment ކޮމެންޓް