އެސް - 400 މަރުކާގެ ދިފާއީ ނިޒާމަށް އިންޑިޔާ އަގު ދައްކަނީ ޑޮލަރަކުން ނޫން: ރަޝިޔާ

ރަޝިޔާގައި އުފައްދާ އެސް -400 މަރުކާގެ ދިފާއީ ނިޒާމު

މޮސްކޯ (އޮކްޓޯބަރ 31): އިންޑިޔާއަށް ވިއްކުމަށް ނިންމާފައިވާ އެސް - 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމުގެ އަގު އިންޑިޔާއިން ދައްކާނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ރަޝިޔާގެ ފައިސާކަމަށްވާ ރުބެލް އިންކަން ރަޝިޔާއިން ކަށަވަރުކޮށްދީފިއެވެ.

ރަޝިޔާގެ ބޮޑުވަޒީރުގެ ނައިބު ޔޫރީ ބޮރީސޯވް ވިދާޅުވީ އެސް - 400 މަރުކާގެ ދިފާއީ ނިޒާމުގެ އަގު ރުބެލް އިން ދައްކަން އިންޑިޔާއާއި ރަޝިޔާ އެއްބަސްވެފައިވާކަމަށާ އެކަން ކުރިޔަށްދާނީ އެގޮތަށް ކަމުގައެވެ. މިކަމުގެ ބޭނުމަކީ ރަޝިޔާއާއި އެހެން ގައުމުތަކާ ދެމެދުކުރާ ވިޔަފާރީގައި ޑޮލަރު ބޭނުންކުރުން މަދުކުރުން ކަމަށާއި އަދި އެންމެފަހުން އެކަން ހުއްޓުމަކަށް ގެނައުމަށް ރަޝިޔާ ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުން ކަމަށް ބޮރީސޯވް ވިދާޅުވިއެވެ.

އެމެރިކާއިން ދުނިޔޭގައި ގާއިމްކޮށްފައިވާ ޑޮލަރުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްގެން އެނިޒާމުގެ އެހީގައި އެމެރިކާ ގެންދަނީ ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އަދަބު ދިނުމާއި ބިރު ދެއްކުމުގެ ހަރުކަށި ކަންތަކެއް ހިންގަމުންނެވެ. މި ކަންކަން އެމެރިކާ ކުރިޔަށްގެންދާތީ ޗައިނާއާއި ރަޝިޔާއާއި ތުރުކީއާއި އީރާންވަނީ އެގައުމުތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގައި ޑޮލަރުގެ ބަދަލުގައި އެގައުމުތަކުގެ ފައިސާ ބޭނުންކުރުމަށް މިއަހަރުގެ ކުރީކޮޅު އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ.

މިގޮތުން ތުރުކީން ރަޝިޔާއިން ގަނެފައިވާ އެސް - 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމުގެ އަގު ތުރުކީވެސް އަދާކުރަމުން ގެންދަނީ ރުބެލް އިންނެވެ. މީގެއިތުރުން ރަޝިޔާ ގެންދަނީ އެގައުމާއި އެހެން ގައުމުތަކާ ދެމެދުކުރާ ވިޔަފާރީގެ ބައެއް މުއާމަލާތްތައްވެސް ޑޮލަރުގެ ބަދަލުގައި ރުބެލް އިން ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ގަލްފުގެ ގައުމުތަކުގެ ތެޔޮ އެންމެގިނައިން ގަންނަ ގައުމުކަމަށްވާ ޗައިނާއިންވެސްވަނީ އެގައުމުގެ ފައިސާ ކަމަށްވާ ޔުއާންއިން ތެލުގެ އަގު ދައްކާގޮތަށް ގަލްފުގެ ގައުމުތަކާދެމެދު އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައިސްފައެވެ. މިނިޒާމު ކުރިޔަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްކުރަންފަށާނެކަމަށް ޗައިނާއިން ބުނެއެވެ.

ޑޮލަރު ނޫން ފައިސާއިން މިފަދަ ބޮޑެތި މުއާމަލާތްތައް ކުރަން ފެށުމުން ޑޮލަރާނުލައި ދުނިޔޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވެ މުސްތަގްބަލްގައި ޑޮލަރުގެ ބޭނުންކުޑަވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެމެރިކާއަށް ކުޑަވެގެންދާނެއެވެ.

އެމެރިކާވަނީ އެގައުމުން ހަތިޔާރު ގަތުމުގެ ބަދަލުގައި ރަޝިޔާގައި އުފައްދާ އެސް - 400 މަރުކާގެ ވައިގެ ދިފާއީ ނިޒާމު ގަތުމަށް އިންޑިޔާ ނިންމުމުން އެކަމަށް ފާޑުކިޔައި އެމައްސަލާގައި އިންޑިޔާއާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ދީފައެވެ. ނަމަވެސް އިންޑިޔާގެ އެއްގަމު ސިފައިންގެ ވެރިޔާ ޖެނެރަލް ރާފާތު ބީބީން ވަނީ އިންޑިޔާ ހަތިޔާރު ގަންނާނެ ގައުމެއް ކަނޑައަޅާނީ އިންޑިޔާއިން ކަމަށްބުނެ އެމެރިކާގެ އެންގުންތަކަށް އިންޑިޔާ ބޯނުލަނބާނެ ކަމަށް ވިދާޅުވެ އެމެރިކާއަށް ރައްދު ދެއްވާފައެވެ. (އޭއެފްޕީ+ ނޫސްއެެޖެންސީތައް)

comment ކޮމެންޓް