ރައީސްގެ މާލީ ބަޔާނާ ގުޅޭ އެންމެހާ މަޝްވަރާތައް ވަނީ ކުރެވިފައި: މުއާޒް

އިބްރާހީމު މުއާޒު އަލީ: -- ސަން ފޮޓޯ// ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މާލީ ބަޔާނާ ގުޅޭ އެންމެހާ މަޝްވަރާތައް އޮޑިޓާ ޖެނެރަލްގެ ލަފާގެ މަތިން ވަނީ ކޮށްފައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުުގެ ފުރުސަތު ދެއްވާފައިވާ ސިޓީއެއް، މީގެ ދެ ތިން ދުވަސް ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މުއާޒްގެ ޓްވީޓުގައި ވިދާޅުވީ، ރައީސް ޔާމީންގެ މާލީ ބަޔާނާ ގުޅޭ އެންމެހާ މަޝްވަރާތައް އޮޑިޓާ ޖެނެރަލްގެ ލަފާފުޅާ އެއްކޮށް ކުރެވިފައިވާ ކަމަށެވެ.

އަދި ކުރީގެ ބައެއް ރައީސުން ވެސް މާލީ ބަޔާން ގަވާއިދުން ހުށަނާޅުއްވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންނަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް މުއާޒްގެ ޓްވީޓުގައި ވިދާޅުވި އެވެ.

ރައީސްގެ މާލީ ބަޔާން ހުށަހަޅާފައި ނުވާ މައްސަލަ އޭސީސީ އިން ނުބެލޭނެ ކަމަށް ކަނޑައަޅާފައިވާ އިރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.

ރައީސްގެ މާލީ ބަޔާން އާ ފޯމެޓުގެ ދަށުން އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށް މީގެ ކުރިން ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް