ހައުސިން މިނިސްޓްރީގެ ބަޖެޓުން ސްޓްރާޑާއަށް މިލިއަނުން ފައިސާ ދިންކަމުގެ ލިޔުންތަކެއް!؟

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

ހައުސިންގް މިނިސްޓްރީން ހިންގި އެކި ޕްރޮޖެކްޓްތަކުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓްރާޑާ ކުންފުންޏާ ހަވާލުކޮށް މިލިއަނުން ފައިސާ ހަރަދުކުރިކަން ހާމަވާ ލިޔުންތަކެއް އާންމުވެއްޖެއެވެ.

އެ ލިޔުންތަކުގައި ވާގޮތުން އެކިއެކި ޕްރޮޖެކްޓްތަކުގެ ނިމުން ފާހަގަކޮށް އިންތިޒާމުތައް ހަމަޖައްސަން ހައުސިންގް މިނިސްޓްރީން ވަނީ، ނިއުޕޯޓް ރެސްޓޯރަންޓް ހިންގާ ކުންފުނި ސްޓްރާޑާއަށް ޖުމްލަ 44 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައެވެ.

އެގޮތުން އެންމެ ބޮޑު ހަރަދެއް އެއް ޕްރޮޖެކްޓަކަށް ކޮށް ސްޓްރާޑާއަށް ދީފައިވަނީ ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށެެވެ. ބްރިޖު ހުޅުވި އިރު އެރުވި ހަވާގެ ހުރިހާ ކަމަކަށް ޖުމްލަ 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އޭގެ ތެރޭން ހަ މިލިއަން ހަރަދުކޮށްފައިވަނީ ބްރިޖު ހުޅުވި ރަސްމިއްޔާތައް އަރުވަން ހަވާ ގެންނަން ފުލައިޓް ޗާޓަރު ކުރުމަށް ކަމަށް އެ ލިޔުންތަކުގައި ވަނީ ބުނެފައެވެ.

އަދި ބްރިޖު ހުޅުވި ރަސްމިއްޔާތުގެ ލައިޓިންގް އަދި ސައުންޑަށް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ޖުމްލަ 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޖުމްލަ 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު އެ ފައިސާވެސް ހަވާލުކޮށްފައިވަނީ ސްޓްރާޑާ ކުންފުންޏަށެވެ.

އޭގެ އިތުރުން ހާބަރު ފުޑް ކޯޓް ހުޅުވުމާއި ބައެއް ރަށްރަށުގެ ބަނދަރު ހުޅުވުމަށްވެސް ވަނީ ބޮޑެތި އަދަދުތަކުން ހައުސިންގެ ބަޖެޓުން ސްޓްރާޑާއަށް ފައިސާ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ގުރައިދޫ ބަނދަރު ހުޅުވުމާއި ކަނޑިތީމުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށްވެސް ފައިސާދިންކަން އެ ލިޔުންތަކުން އެނގެއެވެ.

އެ ލިޔުންތަކާ ބެހޭގޮތުން ހައުސިންގް މިނިސްޓްރީން ވަކި އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް