ޕާކިސްތާނުގައި އިންޑިއާގެ ޓީވީ ޗެނަލްތައް ދެއްކުން މަނާކޮށްފި

ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ އެގައުމުގައި އިންޑިއާގެ ޗެނަލްތައް ދެއްކުން މަނާކޮށްފައި -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (އޮކްޓޯބަރު 28): ޕާކިސްތާނުގައި އިންޑިއާގެ ޓީވީ ޗެނަލްތައް ދެއްކުން އެގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.

ޕާކިސްތާނުގެ އުއްތަމަ ފަނޑިޔާރު ސާގިބު ނިސާރު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އެފަދައިން ނިންމީ، ހިމާލެޔާ ފަރުބަދަތަކުން އުފެދޭ ކޯރުތަކުން ޕާކިސްތާނަށް ފެން ލިބޭ މިންވަރު އިންޑިއާއިން ކުޑަ ކުރަމުންދާތީ އެވެ.

"އިންޑިއާއިން ދަނީ ޕާކިސްތާނަށް ފެން ލިބޭ މިންވަރު މަދު ކުރަމުން. އަޅުގަނޑުމެން ކީއްވެ އެމީހުންގެ ޗެނަލްތައް ނުހުއްޓުވަންވީ،" ނިސާރު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ޕާކިސްތާނުން ވަނީ އިންޑިއާގެ ޓީވީ ޗެނަލްތައް އެގައުމުގައި ދެއްކުން މަނާކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ފިލްމުތައް ޕާކިސްތާނުގައި ދެއްކުން ފުރަތަމަ މަނާ ކުރީ 1965 ވަނަ އަހަރު ދެގައުމުގެ ހަނގުރާމައަށް ފަހުގަ އެވެ.

އަދި 2008 ވަނަ އަހަރު އެނިންމުން ބާތިލު ކުރި ނަމަވެސް، ފަހުގެ އަހަރުތަކުގައި އަނެއްކާ ވެސް އިންޑިއާގެ އުފެއްދުންތައް ޕާކިސްތާނުން މަނާކޮށްފައިވެ އެވެ.

އެގޮތުން 2016 ވަނަ އަހަރު ކަޝްމީރުގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓުވުމަށް އިންޑިއާގެ ސިފައިން ބާރުގެ ބޭނުން ކުރުމާ ގުޅިގެން، ޕާކިސްތާނުން އިންޑިއާގެ ޓީވީ ޗެނަލްތަކާއި ރޭޑިއޯ ސްޓޭޝަންތައް މަނާކުރި އެވެ. ނަމަވެސް މިދިޔަ އަހަރު ޕާކިސްތާނުގެ ހައި ކޯޓުން ވަނީ އެނިންމުން ބާތިލުކޮށްފަ އެވެ.

comment ކޮމެންޓް