އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށް ފާސްކުރި އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އަބުރުގެ ގާނޫނު ފާސްކޮށްފައިވަނީ އެ ގާނޫނު ފާސްކުރުމާއި ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށް 2016 ވަނަ އަހަރު އެވެ.
އެ ގާނޫނު އުވާލަން ހުށަހެޅުއްވުމުގެ ކުރިން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އަބުރުގެ ގާނޫނު އުވާލަން އޭނާ ހުށަހަޅަނީ އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީ އިން ލިބިދީފައިވާ ބައެއް އަސާސީ ހައްގުތަކަށް އުނިކަން ލިބިފައިވާތީ ކަމަށެވެ.
"އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނަށް އަމަލުކޮށް ތަންފީޒު ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން ފުށުއަރާ މައްސަލަތަކާއި ވަނީ ކުރިމަތިލާން ޖެހިފައި." އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ ހަމަތަކާ އުސޫލުތަކާއި އަބުރުގެ ގާނޫނު ތައާރުޒުވާ ކަމަށް ވެސް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ. އަދި ގަނޫނު އަސާސީގެ އެތައް މާއްދާތަކުން ލިބިދޭ ބާރު ކެނޑޭ ގޮތަށް އަބުރުގެ ގާނޫނު އެކުލަވާލާފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އަދި އެ ގާނޫނު އުވުމާ އެކު އަބުރާ ބެހުމުން ލިބިދޭ ބަދަލުގެ ގަވާއިދު އަލުން ހިމަނައި އަމަލު ކުރަން ފަށާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އޭނާ އަބުރު ގާނޫނު އުވާލަން ހުށަހަޅަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެފައިވާ އެތައް ބައެއްގެ މަތިން ހަނދާން ކުރަމުން ކަމަށެވެ. އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަތިން ހަނދާން ކުރަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު މި ގަނޫނު (އަބުރުގެ ގާނޫނު) އުވާލަން މި ހުށަހަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް ރާއްޖޭގެ ރިޕޯޓަރުންނަށް ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިދިއަ ދުވަސްތަކުގައި ލިބެމުންދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި ތިޔަބޭފުޅުން ތަހައްމަލު ކުރައްވަމުން ގެންދެވި ހިއްދަތިކަން ހަނދާންކުރަމުން." އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.
އަބުރުގެ ގާނޫނު ފާސްކުރި އިރު މިހާރު އިދިކޮޅުގައި މަސައްކަތް ކުރައްވާ ބައެއް މެމްބަރުންވެސް ބިލު ފާސްކުރަން ވޯޓު ދެއްވި އެވެ. ޝާހިދު ވިދާޅުވީ އުންމީދަނީ އެ ހުރިހާ މެމްބަރުންވެސް ބިލު އުވާލަން ވޯޓު ދިނުމެވެ.
އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.