ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކަށް ވާނީ އެމަނިކުފާނު މަގާމުން ދުރަށް ޖެހި ވަޑައިގަތުން ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު މެންބަރުން އިސްކޮށް ތިއްބައިވައި ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް މެންބަރުންނާއި އެކު ޖުމްލަ 51 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވަނީ މިއަދު ވައްދައިފަ އެވެ. އަދި އެ މައްސަލަ މިހާރު ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަށް އެޖެންޑާ ވެސް ކޮށްފަ އެވެ.
އެކަމާއި ގުޅިގެން މިރޭ ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގައި ވަނީ މަސީހު ދުރުކޮށް އެ މަގާމަށް ގާސިމް އިބްރާހިމް އިންތިހާބު ކުރުމަށް ނިންމާފަ އެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_15403890328nCh7.jpg)
ކުނޫޒުގައި މިރޭ ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޕާލިމަންޓް ގުރޫޕްގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް
ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕް ބައްދަލުވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސް އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހު މަޖިލީހުގެ ރައީސަކަށް މީހަކު އިންތިހާބް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
"މީގަ އެންމެ ރަނގަޅު ގޮތަކަށް ވާނީ މަސީހު މިވަގުތު ދުރަށް ވަޑައިގަތުން އެހެން ނޫނީ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ދާނީ،" ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އިބޫ ވިދާޅުވި އެވެ.
ގިނަ ދުވަސްތަކެއް ވަން ދެން ހުއްޓިފައިވާ ރައްޔިތުންގެ މަޖިލިސް ފެށުމަށް ނައިބް ރައީސް މޫސާ މަނިކާއި އެކު މަޝްވަރާތައް ކުރަމުން އަންނަކަން އިބޫ ފާހަގަކުރެއްވި އެވެ. އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކޮށް މަޖިލީހުން ފާސްކޮށްފައިވާ އަނބުރުގެ ގާނޫނު ބާތިލް ކުރުމަށް މާދަމާ މަޖިލީހަށް ހުށަހަޅައި އެންމެ ފުރަތަމަ އޮންނަ ޖަލްސާއެއްގައި ފާސް ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ ވީހާ ވެސް އަވަހަކަށް މަޖިލީހުގެ ގަވާއިދަށް ކުރިން އެ ގެނެވެފައި ހުރި އަން ޑިމޮކްރަޓިކް ކަންތައްތައް ނައްތާލައި ޑިމޮކްރަސީގެ ހަމަތަކުގެ މަތިން މަޖިލިސް ހިންގުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.