މަސީހުގެ އިތުބާރުގެ މައްސަލައިގެ ވޯޓުނެގުން ނޮވެމްބަރު އަށެއްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓަށް އެހުން ނޮވެމްބަރު އަށްވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ވެއްދީ 51 މެމްބަރުން ސޮޔާއެކުއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ސިޓީއަކީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެރުވުމަށް ފޮނުވާ ސިޓީއެއް ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިނަމަ ރަސްމީ ބަންދު ނޫން ތިން ދުވަހު ތެރޭގައި މެމްބަރުންނަށް ނޯޓިސް ފޮނުވަން ޖެހޭނެއެވެ.

އަމީން އާންމު ނިއުޝާ ވިދާޅުވީ ނޮވެމްބަރު އަށްވަނަ ދުވަހަށް ޖަލްސާ ތާވަލުކުރީ ނޯޓިހުގެ ތާރީހުން ފެށިގެން 10 ދުވަސް ހަމަވާ ދުވަސްކަމަށް ވާތީ ކަމަށެވެ. އެ ޖަލްސާގައި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުން އޮންނާނެއެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސީހުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދިއެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ވޯޓަށް އަހާފައި ވަނީ ރޯލްކޯލްކޮށް ވޯޓު ނަގައިގެންނެވެ. ދެވަނަ ފަހަރު މަސީހުގެ އިތުބާރު ނެތްކަަމަށް ސޮއިކުރި ޕީޕީއެމްގެ މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފައެވެ.

comment ކޮމެންޓް