ބަޖެޓު ލިބުނަސް ނުފެށި ހުރި މަޝްރޫއުތައް މަޑުޖައްސާލަން އަންގައިފި

ފިނޭންސް މިނިސްޓަރު މުނައްވަރު 'ސަން' އަށް އިންޓަވައި ދެނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބަޖެޓު ލިބިފައި ވީ ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތް ފަށާފައިނުވާ އެއްވެސް އާ ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ފިނޭންސް މިނިސްޓްރީއިން ދައުލަތުގެ މުއައްސަސާތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ސޮއިކުރައްވައި، ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ 2018 ވަނަ އަހަރުގެ ބަޖެޓު ހަރަދުތައް ކުޑަކުރުމަށް އިއްޔެއިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި، އަމަލީ މަސައްކަތް ފެށިފައިވާ މަރާމާތުގެ މަސައްކަތްތަކާއި، ރައީސް އޮފީހުންނާއި ފިނޭންސް މިނިސްޓްރީއިން ހުއްދަ ދީފައިވާ މަރާމާތުގެ މަސައްކަތްތައް ފިޔަވައި މަރާމާތާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރުމަށާއި، މުއައްސަސާތަކުން ދެމުން ގެންދާ ހިދުމަތް މެދުކެނޑުނަ ނުދިނުމަށް ރައީސް އޮފީހުން ނުވަތަ ފިނޭންސް މިނިސްޓްރީއިން ހުއްދަ ދީފައިވާ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެން ކެޕިޓަލް ހަރަދެއް ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގައި އިތުރުގަޑީގެ މަސައްކަތްކުރަން ނުޖެހޭނެ ގޮތަކަށް އޮފީހުގެ ކަންތައް ރާވައި ޑިއުޓީ އުސޫލުން މަސައްކަތް ކުރާ އޮފީސްތައް ފިޔަވައި އެހެން އޮފީސްތައް މެންދުރު 2:30 ގެ ކުރިން ބަންދުކުރަންވެސް ވަނީ އަންގައިފައެވެ.

ބަޖެޓު ކުޑަކުރުމަށް ގައުމީ ގޮތުން ފަހަގަކުރާ ދުވަސްތައް ފިޔަވައި އެހެން ދުވަހެއް ފާހަގަނުކުރުމަށާއި އަމަލީ މަސައްކަތް ފެށިފައިވާ ޕީއެސްއައިޕީ މަސައްކަތްތައް ފިޔަވައި އެހެން ޕީއެސްއައިޕީ މަޝްރޫއެއް ނުފެށުމަށްވެސް ސާކިއުލާގައި ވަނީ އެދިފައެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ކުރިއަށް ނުގެންދިއުމަށް ކަނޑައަޅާފައިވާ ކަންތަކަށް 2018 ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައް ބަޖެޓުން އުނިކުރާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވަނީ 27 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ބަޖެޓްގެ 43 ޕަސެންޓް ހަރަދު ކުރުމަށް ނިންމާފައި ވަނީ ކެޕިޓަލް ހަރަދުތަކަށެވެ. ރިކަރަންޓް ހަރަދުތަކަށް ބަޖެޓްގެ 57 ޕަސެންޓް ކަނޑައަޅާފައިވާ އިރު އެންމެ ބޮޑު ހަރަދެއް ކުރަން ނިންމާފައި ވަނީ ޕެންޝަނަށާއި މުސާރައަށެވެ. ރިކަރަންޓް ހަރަދަކީ ޖުމްލަ 16.1 ބިލިއަން ރުފިޔާ އެވެ.

ޓްރާންސިޝަން ޕީރިއަޑަށް ވުމާއެކު އާ މަޝްރޫއުތައް އެވޯޑު ނުކުރުމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ސަރުކާރުގައި އެދިފައެވެ.

comment ކޮމެންޓް