ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 51 މެމްބަރުން ސޮއިކޮށް މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި ޕީޕީއެމް އަދި އެމްޑީއޭ އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި 51 މެމްބަރުންގެ ތެރޭގައި، މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ އޮތް އަށް މެމްބަރުން ނުހިމެނޭ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތީ މަސީހުގެ ސަބަބުން ކަމަށެވެ. މަޖިލީހުގައި މެމްބަރުންނަށް ހަވާލުވެފައި އޮތް މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ފުރުސަތެއް މަސީހު ނުދެއްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"މިހާރު މި ތިން ވަނަ ފަހަރަށް އަޅުގަނޑުމެން މި މައްސަލަ ހުށަހެޅިގެން މި ދިޔައީ. ދެން އަޅުގަނޑު އުންމީދު ކުރަނީ މިފަހަރު މިކަން ކާމިޔާބުވެގެންދާނެ ކަމަށް." އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓަށް އެހުމުގެ ކުރިން މަސީހު އިސްތިއުފާ ދެއްވުމަށް އިހުތިރާމާ އެކު ދަންނަވާ ކަމަށެވެ. ކުރަން ހުރި ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އެހެންވީމަ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް މަސީހު ކިބައިން އެދޭ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ މަސީހު މަގާމުގައި ހުންނެވީ ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ނޫން ކަމަށާއި ސަރުކާރުން ބޭނުންވާ ކަމެއް ކުރަން އެކަނި ކަމަށެވެ.
"އަޅުގަނޑުމެން ހުށަހަޅާ ކަމަކަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި ބަޖެޓްތަކާ އެއްޗިހި ފާސްކުރަމުން ގޮސް އަޅުގަނޑުމެން ވަޒީރުންނާ ކުރަން ހުށަހަޅާ ސުވާލުތައް ވެސް އަހަރު ނިމެންދެކަށް ބަހައްޓައިގެން ހުރެފައި އަހަރު ނިމުނީމާ އެ ސުވާލުތައް އަނބުރާ ބޮލާލާ ޖަހައި." މަސީހުގެ އިތުބާރު ނެތް ސަބަބާ ބެހޭގިތުން ވާހަކަދައްކަމުން ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ މަސީހު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި އިންނަވައިގެން ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ އޭގެ ސައްހަކަން ވެސް ގެއްލިފައިވާ ކަންތައްތައް ކަމަށެވެ. އެހެންވީމާ ރީތިގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް ރޮޒައިނާ ތަކުރާރުކޮށް ވިދާލުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވިދާޅުވީ މަސީހު މަސައްކަތް ކުރެއްވީ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޖާގަ ނުދެއްވައި ކަމަށެވެ.
"ކޮމިޓީތަކަށް ވެސް އެބޭފުޅާ ބޭނުންވާ ގޮތަކަށް ކޮމިޓީތައް އަތުރާލައިގެން އެ ކުރިއަށް ގެންދެވީ." ވައްޑޭ ވިދާޅުވި އެވެ.
މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގައި މަޖިލީހުގައި ރައްޔިތުންގެ އަޑެއް ނީއްވޭ ކަމަށެވެ. އެހެން އެކަން ހިނގަން ދިމާވީ މަޖިލީހުގެ ރައީސް މަސީހުގެ ސަބަބުން ކަމަށް އަނާރާ ވިދާޅުވި އެވެ.
އެހެންވީމަ ރީތި ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށް އަނާރާ ވެސް ވަނީ ވިދާޅުވި އެވެ.