ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ހުށަހަޅަން އިދިކޮޅު ފަރާތްތަކުން ތައްޔާރުވެއްޖެ އެވެ.
މަސީހު މަޖިލީހުގެ ރައީސް ކަމަށް ދުރުކުރުމަށް 45 މެމްބަރަކު ސޮއިކޮށްފައިވާކަމަށް އިދިކޮޅަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުން އޭގެ ތެރޭގައި ޕީޕީއެމްއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ހިމެނެ އެވެ.
މަސީހުގެ އިތުބާރުގެ މައްސަލާގައި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހެޅި އެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ވޯޓަށް އަހާފައިވަނީ ރޯލް ކޯލް ކޮށް ވޯޓު ނަގައިގެންނެވެ.
ދެވަނަ ފަހަރަށް މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުން ސޮއިކޮށް ހުށަހެޅުމުން މަސީހު ވަކިކުރަން ބޭނުންވާ ކަމަށ ސޮއިކުރި ޕީޕީއެމް މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އަދި ސުޕްރީމް ކޯޓުން ވަނީ ޕާޓީން ވަކިކުރާ މެމްބަރުން ޕާޓީން ވަކިވާނެ ކަމަށް ބުނެ ނިންމުމެއް ނިންމާފަ އެވެ.
މަޖިލީޙުގެ ޖަލްސާއެއް ނުބާއްވާތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން މަޖިލީޙުގެ ރައީސް މަސީހަށް އަންގައި ޖަލްސާއެއް ބާއްވާން ޖެހޭނެ އެވެ.