ކޮއްކޮ ދިން "ބާތުޑޭ" ކޭކުން ނިއުމާ އުފަލުން ފޮޅިފައި!

ނިއުމާއާއި އޭނާގެ ކޮއްކޮ އަގީލް، އަދި ނިއުމާގެ އުފަންދުވަހު އަގީލް ދިން ހަދިޔާ...

ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ރާނީ ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދު އުފަންދުވަހަކީ އިއްޔެވެ. ނިއުމާއަށް 41 އަހަރު ފުރުނީއެވެ. ފިލްމީ ދާއިރާގެ ތަރިންނާ ނިއުމާގެ އާއިލާގެ އިތުރުން އޭނާގެ ފޭނުން ދިން ހަދިޔާ ތަކަށާއި "ބާތްޑޭ ވިޝް" ތަކަށް ޝުކުރު އަދާކުރުމުގައި ނިއުމާ އިއްްޔެ އުޅުނީ ނުލާހިކު ބިޒީ ކޮށެވެ.

ނިއުމާއަށް ލިބުނު އުފަން ދުވަހުގެ ހަދިޔާ ތަކުގެ ތެރެއިން އެންމެ ބޮޑަށް އަޅަގައިތީ އޭނާ އަށް ކުޑައްތަ ކިޔާ ފިރިހެން ކޮއްކޮ މުހައްމަދު އަގީލް ދިން "އަތް ދަބަސް" ކޭކެވެ. ފުރިހަމަ އަދި އެހާމެ ޗާލު ކޭކެވެ.

ނިއުމާ އަށް އަގީލް ދިން ކޭކާއި އެކު

އެ ކޭކު ފަރުމާކޮށްފައިވަނީ އަގީލެވެ. އޭނާއަކީ މިހާރު ރާއްޖޭގައި ގުނާލެވޭނެ ކޭކް އެޅުންތެރިންގެ ތެރޭގައި ހިމެނޭނެ އެކަކު ކަމާމެދު ޝައްކެއްނެތެވެ. އަގީލްގެެ ކޭކުތައް މިހާރު ވަނީ ރާއްޖޭގައި ނިކަން ރަނގަޅަށް ވެސް ވައިގަ ހިފާފައެވެ. ނިއުމާގެ 41 ވަނަ އުފަން ދުވަހަށް އަގީލް ދިން ކޭކުން ނިއުމާ ވެސް ހަމަ ކޮސް ވީއެވެ. ކޭކު "އަސްލު" ކަމުން ނިއުމާއަށް ހުރެވުނީ އެއީ ކޭކެއް ކަމަށް ގަބޫލު ކުރަން ވެސް ދަތިވެފައެވެ.

"އަސްލު އަޅުގަނޑު ވަރަށް ސަޕްރައިޒްވި، ހަގީގަތުގައި ހިޔެއް ވެސް ނުކުރަން އެހާ ފުރިހަމަ ކޭކެއް ލިބޭނެ ކަމަށް، ކޮއްކޮ ހަމަ ވަރަށް މޮޅު،" ނިއުމާ "ސަން" އާ ވާހަކަ ދައްކަމުން އުފަލުން ހުރެ ބުންޏެވެ.

އަގީލް ހަދާފައިވާ ބައެއް ކޭކްތައް...

އިތުރަށް ވާހަކަ ދައްކަމުން ނިއުމާ ބުނީ، ކޮއްކޮގެ މަސައްކަތަަށް އަބަދުވެސް ތައުރީފް ކުރާ ކަމަށާއި އެކަހަލަ ކޮއްކޮއެއް ހުންނާތީ ފަހުރުވެރިވާ ކަމަށެވެ. ނިއުމާއަށް ކުރީ އަހަރު ތަކުގައި ވެސް އަގީލް ކޭކް ހަދިޔާ ކުރެއެވެ.

ކުޑައްތައަށް މި އަހަރު ދިން ބުރަ މަސައްކަތް ފެނިގެންދާ ކޭކް ތައްޔާރު ކުރަން ވެސް އަގީލް އަށް ހޭދަވީ 1:45 (ފިހުމަށް ދިޔަ ވަގުތު ނުލައި) ވަރަކަށް މިނެޓެވެ. އެހާ ބުރަ މަސައްކަތަކަށް ވެސް ކުޑަ ކުޑަ ވަގުތު ކޮޅެކެވެ. އަގީލް އަކީ ހުނަރުވެރި، މީހުންނާ ގުޅޭ މީހެކެވެ.

"މިފަހަރު ކޭކް ހިފައިގެން ކުޑާ ކައިރިއަށް ދިޔައިމަ އަސްލު ކޭކެއް ކަމަށް ގަބޫލު ވެސް ނުކުރި، އުޅުނުއޭގަ އިންނަ ޒިޕް ހުޅުވަން ވެސް، ޒިޕްގަ ހިފަން ވެސް ހިފި،" ކޭކް ދިނުމުން ނިއުމާ ފަރާތުން ފެނިގެންދިޔަ މަންޒަރު އަގީލް ވަނީ "ސަން" އަށް ކުރު ގޮތަކަށް ކިޔައިދީފައެވެ.

ނިއުމާގެ އުފަންދުވަހު އަގީލްގެ ފަރާތުން ދިން ހަދިޔާ--

އަގީލް އަކީ ދާދި ފަހަކާ ޖެހެންދެން ފްލައި މީގެ ކެބިން ކްރޫ އެއްގެ ވަޒީފާ އަދާ ކުރަމުން އައި ހީވާގި ފިރިހެނެކެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކްރޫ އެއްގެ ވަޒީފާ އަދާ ކުރީ ހިތްހަމަޖެހިގެންނެވެ. ޑިއުޓީ ބަރާބަރަށް އަދާ ކުރުމަށް ފަހު ދެން އޮންނަ ވަގުތު ތަކުގައި އަގީލް ކޭކް އަޅުމުގައި ޝާމިލުވަނީއެވެ. މިހާރު އޭނާ އަންނަނީ ވެޑިން ކޭކުތައް ވެސް ފުރިހަމަ ކަމާއެކު އަޅައިދެމުންނެވެ.

"ޑިއުޓީ އިންނަ ގަޑި ބަލާފަ ޓައިމް މެނޭޖް ކޮށްގެން ކޭކްގެ އޯޑަރުތައް ނަގަނަނީ، " އަގީލް ބުންޏެވެ. "ރަނގަޅު އާމްދަނީ އެއް ވެސް މިކަމުން ލިބޭ، ވަރަށް ގިނަ ބައެއްގެ ސަޕޯޓާ އެކު މި ހިސާބަށް އާދެވުނީ،"

އަގީލް ހަދާފައިވާ ބައެއް ކޭކްތައް...

އަގީލް ވަނީ އޭނާގެ ކޭކު އެޅުމުގެ ހުނަރު އެހެން މީހުންނަށް އުނގަންނައި ދިނުމަށް ދެ ރަށެއްގައި ދާދި ފަހުން ކޭކު ކޯސް ތަކެއް ވެސް ހިންގާފައެވެ. އަގީލްއަކީ އުފަން ރަށް ހދ. މަކުނުދޫ ރައްޔިތުން ވެސް މިއަދު ފަހުރުވެރިވާ ދަރިޔެކެވެ.

އިއްޔެ ލޯބިވާ ކުޑައްތަ އަށް ދިން 'ލޯބި ލޯބި" ކޭކަށް ގިނަ ބައެއްގެ ސަމާލުކަން ދަމައިގަނެ އެ ކޭކުގެ ވާހަކަ ވައިގަ ހިފާފައިވާ ދަނޑިވަޅެއްގައި އަޅުނޑު މި އާޓިކަލް ނިންމާލާނީ އަގީލްގެ މަސައްކަތަށް އަދަށް ވުރެ ފަހި މާދަމާއަކަށް އެދެމުންނެވެ.

comment ކޮމެންޓް