ރާއްޖޭގެ ފުރަތަމަ ޓީން ސެންޓަރު ކުޅުދުއްފުށީގައި ހުޅުވައިފި

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޓީން ސެންޓަރު --- ފޮޓޯ: ޓީން ސެންޓާ

ފުރާވަރުގެ ކުދިންނަށް ޚާއްސަ ޓީން ސެންޓަރެއް ހދ. ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ކުޅުދުއްދުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އެހީގައި އެ ރަށުގައި ގާއިމްކުރި މި ޓީން ސެންޓަރުގައި ފުރާވަރު އުމުރުގެ ކުދިން މުނިފޫހިފިލުވައި، ޚިޔާލުބަދަލުކޮށް ފިލާވަޅު ދަސްކުރާނެ މާހައުލެއް ވަނީ ގާއިމް ކޮށްފަ އެވެ.

މީގެ އިތުރުން ކޮންމެ މަހަކު މާލެއިން ކަމާ ބެހޭ މާހިރުން ކުޅުދުއްފުއްޓަށް ޒިޔާރަތްކޮށް ފުރާވަރު ކުދިންނަށް ބޭނުންވާނެ ލައިފް ސްކިލް ޕްރޮގްރާމުތައް ހިންގައި މި އުމުރުގެ ކުދިންނަށް ބޭނުންވާނެ ކައުންސިލިންގެ ހިދުމަތް ވެސް ދޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޓީން ސެންޓަރު --- ފޮޓޯ: ޓީން ސެންޓާ

މި ސެންޓަރުގައި ލައިބްރަރީ އަކާއި ކޮމްޕިއުޓަރު ލެބެއްގެ އިތުރުން ގްރޫޕް ސްޓަޑީ ރޫމާއި ސައިލެންޓް ސްޓަޑީ ރޫމް، ގޭމް ކުޅޭ އޭރިއާއެއް އަދި ފިލްމު ބެލޭނެ ތަނަކާއި ލުއި ކަނާ ލިބޭނެ ސްނެކް ބާއެއް ގާއިމްކޮށްފައިވެ އެވެ.

މި ސެންޓަރަކީ 12 އަހަރާއި 19 އަހަރުގެ ކުދިންނަށް ޚާއްސަ ކޮށްގެން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ޓީން ސެންޓަރު --- ފޮޓޯ: ޓީން ސެންޓާ

މި ސެންޓަރުގެ މަގްސަދަކީ ކުށާއި ބޭކާރު ދިރިއުޅުމުން ކުދިން ދުރުކޮށް، އުފެއްދުންތެރި ފަރުދުންނަށް ބަދަލުކުރުމަށް ބާރުއެޅުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރާ ބަޔަކަށް ކުދިން ހަދައި، އެކުދިންނަކީ ޤާބިލް ބަޔަކަށް ހެދުމަށް އެހީވެދިނުން ކަމަށް އެ ސެންޓަރުން ބުންޏެވެ.

މީގެ އިތުރުން ސިއްޙީ ގޮތުން ފައިދާ ހުރި ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެ ތަނެއް ހަމަޖައްސައިދީ، މުނިފޫހިފިލުވުމާއި، މަޢުލޫމާތު ފަސޭހަކަމާއެކު ލިބޭނެ ގޮތް ފަހިކޮށްދިނުމަކީ ވެސް މި ސެންޓަރުގެ މަގުސަދެކެވެ.

comment ކޮމެންޓް