ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބުގެ ގޮތުގައި ހުރެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާއާ މެދު ކަންތައް ކުރި ގޮތުން ދެރަވާ ކަމަށް ރާއްޖޭގެ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ތަޖުރިބާކާރު ގޯލް ކީޕަރު އިމްރާން މުހައްމަދު (އިންމަ) ބުނެފި އެވެ.
އިންމަ މިހެން ބުނީ އޭނާއާ އެއްކޮށް ހަދާފައިވާ ކޮންޓްރެކްޓު ނިއު ރޭޑިއަންޓްސް ސްޕޯޓްސް ކްލަބުން ބާތިލު ކުރުމާ ގުޅިގެންނެވެ.
ނިއުއިން އިންމަގެ ކޮންޓްރެކްޓު ބާތިލު ކުރީ ކޮންޓްރެކްޓުގެ ދަށުން ނިއުއިން އޭނާއަށް ދޭން ޖެހޭ ޕޭމެންޓުތަކެއް ނުދިން މައްސަލަ އެފްއޭއެމްއަށް ހުށަހަޅާފައި ވަނިކޮށެވެ. އޭނާގެ ކޮންޓްރެކްޓު ބާތިލު ކުރީ އޮގަސްޓް އެއް ވަނަ ދުވަހުން ފެށިގެން އޭނާގެ ހިދުމަތް ނުލިބޭ ކަމަށް ބުނެ އެވެ.
އިންމަ މިއަދު "ސަން" އަށް ބުނީ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ލިބެން ޖެހޭ ދެ ޕޭމަންޓެއް ނިއުއިން ދީފައި ނުވާ ކަމަށެވެ. އަދި އޭނާގެ ހިދުމަތް ނިއުއަށް ނުލިބޭ ކަމަށް ބުނާ ވާހަކައަށް ވެސް އޭނާ ވަނީ ރައްދު ދީފަ އެވެ.
އިންމަ ބުނީ އެކެއް އޮގަސްޓުން ފެށިގެން އޭނާގެ ހިދުމަތް ކްލަބަށް ނުލިބޭ ކަމަށް ބުނާ އިރު ގައުމީ ޓީމަށް ފުރުސަތު ދިނުމުގެ ގޮތުން އޭރު އޮތީ ނިއުގެ ޕްރެކްޓިސް މެދުކަނޑާލާފައި ކަމަށެވެ. އޭނާ ބުނީ ކްލަބުގެ ޕްރެކްޓިސް އަލުން ފެށީ ސެޕްޓެމްބަރު 16 ވަނަ ދުވަހު ކަމަށެވެ. އަދި އެ މަހުގެ 18 ވަނަ ދުވަހު އޮތް މެޗަށް ނުދެވުނީ އޭނާގެ އަމިއްލަ ސަބަބަކާ ހުރެ ކަމަށް އިންމަ ބުންޏެވެ. އޭގެ އިތުރުން އެ މުއްދަތުގައި ނިއުއިން ބޭއްވި ބައްދަލުވުންތަކަކަށް ވެސް ހާޒިރުވި ކަމަށް އޭނާ ބުންޏެވެ.
"ފަހަރެއްގައި ވެދާނެ އަޅުގަނޑަށް ނޭނގި ޕްރެކްޓިސްތަކެއް ބޭއްވީ ކަމަށް ވެސް." އިންމަ ވިދާޅުވި އެވެ.
އިންމަ ބުނީ އޭނާ ޕްރެކްޓިހަށް ހާޒިރުވުން ހުއްޓާލީ މުސާރަ ދޭން އެދި ކްލަބުގެ ޗެއާމަން އަށް ސިޓީއެއް ފޮނުވި ފަހުން ކަމަށެވެ. އޭނާ ބުނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބުން އެގޮތަށް ކަންތައް ކުރުމުން ވަރަށް ދެރަވާ ކަމަށެވެ.
ނިއުއާ އެކު ހެދި ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ލިބެން ޖެހޭ ފައިސާ ހޯދަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ތައްޔާރަށް ހުރި ކަމަށް މިއަދު އިންމަ ބުންޏެވެ.
ނިއުންއިން އިންމަގެ ކޮންޓްރެކްޓު އުވާލާފައިވާ އިރު މި އަހަރު ދެން އޭނާ އެހެން ޓީމަކަށް ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
އިންމަ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2012 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު ނިއު އިން ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ލޯކަލް ހުރިހާ މުބާރާތެއް ކާމިޔާބުކޮށް އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި އިރު އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެފަހުން 2015 ވަނަ އަހަރު މާޒިޔާއަށް ބަދަލުވުމަށް ފަހު އޭނާ ނިއުއާ ގުޅުނީ މި އަހަރު އެވެ.
އިމްރާންގެ މުސާރަ ނުދީގެން އޭނާ އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައިވާ އިރު ނިއުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު ދަނގަޑޭ ވެސް ވަނީ މުސާރަ ނުދިނުމުގެ ސަބަބުން ނިއު ދޫކޮށް ޓީސީއާ ގުޅިފަ އެވެ.