އިތިއޯޕިއާގެ ކެބިނެޓުގައި 50 ޕަސެންޓު ހިއްސާ ކުރާނީ އަންހެނުން

އިތިއޯޕިއާގެ ކެބިނެޓް ހުވާކުރަނީ -- ފޮޓޯ/ އަލްޖަޒީރާ ޕްލަސް

އަދިސްއަބާބާ (އޮކްޓޯބަރު 17): އިތިއޯޕިއާގެ ކެބިނެޓުގައި ދެބައިކުޅަ އެއްބައި މިނިސްޓްރީތަކަށް އަންހެނުން އައްޔަން ކޮށްފި އެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވިދާޅުވި ގޮތުގައި އެފަދަ ކެބިނެޓެއް އެކުލަވާލެއްވީ، ފިރިހެނުންނާ އަޅާ ބަލާ އިރު ކޮރަޕްޓް އަންހެނުން މަދުވުމުންނެވެ. އަދި އަންހެނުން އެފަދަ މަގާމުތަކަށް އައްޔަން ކުރުމަކީ ގައުމަށް ސުލްހަވެރިކަމާއި ހަމަޖެހުން ގެނެސްދޭނެ ކަމަކަށްވާތީ އެވެ.

އެގައުމުގައި އަންހެނުން އައްޔަންކޮށްފައިވާ މިނިސްޓްރީތަކުގެ ތެރޭގައި ޑިފެންސް އާއި ފޮރިން އެފެއާޒް އާއި ފިނޭންސް މިނިސްޓްރީ ހިމެނެ އެވެ. އެއީ އެގައުމުގެ ޑިފެންސް މިނިސްޓަރު ކަމަށް އަންހެނަކު އައްޔަން ކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އެގައުމުގައި ވަނީ ފުރަތަމަ ފަހަރަށް ސުލްހަވެރިކަމާ ބެހޭ މިނިސްޓްރީއެއް ހަދައި، އެމިނިސްޓަރު ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ ރައީސް މުފެއިރަތު ކާމިލް އައްޔަންކޮށްފަ އެވެ.

އިތިއޯޕިއާގެ އިތުރުން އެފްރިކާގައި އަންހެނުންގެ ހިއްސާ ފިރިހެނުންނާ އެއްވަރަކަށް ކެބިނެޓުގައި ދެން އޮންނަ ހަމައެކަނި ގައުމަކީ ރުވާންޑާ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް