ސައުދީ ދަތުރުފުޅު ނިންމަވާލައި ރައީސް ނަޝީދު ލަންޑަނަށް

ރައީސް ނަޝީދު ނަސީމްއާ އެކު ސައުދީއަށް ފުރާވަޑައިގަންނެވި ދުވަހު ---

ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ ސަރުކާރުގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައި މިއަދު ލަންޑަނަށް ވަޑައިގެންފި އެވެ.

ރައީސް ނަޝީދު ސައުދީއަށް ވަޑައިގެންނެވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަރިހުގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ދަތުރުފުޅަށް ފަހު ނަސީމު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ސައުދީއަށް ރައީސް ނަޝީދު ކުރެއްވީ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ނަސީމު ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން އަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާފަ އެވެ.

ސައުދީއަށް ނަޝީދު ވަޑައިގެންނެވި ދަތުރުފުޅުގައި ބައްދަލު ކުރެއްވި ބޭފުޅުންނާއި ހިނގައި ދިޔަ އެއްވެސް ކަމެއްގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ނަޝީދު ސައުދީއަށް ދަތުރުފުޅެއް ކުރައްވާފައި މިވަނީ ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރާ ގުޅިގެން ދުނިޔޭގެ ބޮޑެތި ގައުމުތަކުން ސައުދީއަށް ފާޑު ކިޔަމުންދާ ދަނޑިވަޅެއްގަ އވެ.

ޚަޝޯގީގެ މަރާ ގުޅިގެން ދުނިޔޭގެ ބޮޑެތި ލީޑަރުން ފާޑު ކިޔަމުން ދާއިރު ރައީސް ނަޝީދު މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް