މެސީއާ ނުލައި ކުޅުނު އާޖެންޓީނާ، ބްރެޒިލް އަތުން ބަލިވެއްޖެ

ރޭ އާޖެންޓީނާއާ ބްރެޒިލް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭގަސް

މެޗު ނިމެން ދަނިކޮށް ޖެހި ގޯލަކުން ބްރެޒިލް އިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދައިފި އެވެ.

ސައުދީ އަރަބިއްޔާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ބްރެޒިލްއާ އާޖެންޓީނާ ބައްދަލު ކުރި މެޗު ބްރެޒިލް ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފެހައްޓައިގެން ކުޅުނީ ބްރެޒިލް އެވެ.

އާޖެންޓީނާއިން މެޗަށް ނުކުތީ އެ ޓީމުގެ ތަރި ލިއޮނަލް މެސީއާ ނުލަ އެވެ. މި އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕުގެ ފަހުން އަދި މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައި ނުވެ އެވެ. އޭނާ އަނެއްކާ ވެސް ގައުމީ ޓީމުން ރިޓަޔާ ކުރީތޯ ވަނީ ސުވާލު އުފެދިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބިގެން ދިޔައީ ބްރެޒިލްގެ ޑިފެންޑަރު ޖާއޯ މިރާންޑާ އަށެވެ. މިހާރު އިޓަލީގެ އިންޓާ އަށް ކުޅޭ މިރާންޑާ ފޮނުވާލި ހަމަލާ، އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ވަނީ ގޯލުގެ ރޮނގުމަތިން ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފުގައި އާޖެންޓީނާގެ ފޯވަޑް ޕައޮލޯ ޑިބާލާ ވަނީ ހިލޭ ޖެހުމަކުން ގޯލަށް ނުރައްކާ ކޮށްފަ އެވެ. އޭނާ ނެގި ހިލޭ ޖެހުން ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

ދެވަނަ ހާފުގައި ބްރެޒިލްގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބާސާއަށް ކުޅޭ އާތާ މެލޯ އެވެ. އަރިމަތިން ނެގި ހުރަހެއް އޭނާއަށް ލިބުމުން އޭރިއާގެ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބާރު ހަމަލާ އާޖެންޓީނާގެ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ރޮމޭރޯ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުން ބްރެޒިލް މޮޅުކޮށްދިން ގޯލު ޖެހީ ޑިފެންޑަރު މިރާންޑާ އެވެ. މެޗުގެ 90 މިނެޓު ކުޅެ ނިމި އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރޭގައި އޭނާ އެ ގޯލު ކާމިޔާބު ކުރީ ނޭމާ ނެގި ކޯނަރެއް ބޮލުން ފޮނުވާލައިގެންނެވެ.

ރޭ ކުޅުނު އެހެން ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު ބެލްޖިއަމް ވަނީ ނެދަލޭންޑްސްއާ ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ.

comment ކޮމެންޓް