ނުޒޫގެ ޑިމާންޑު ބޮޑު، ފިލްމީ ދާއިރާގައި އަދި ވީ އަހަރެއްހާ ދުވަސް!

"މާމުއި" ގެ ޝޫޓިންގައި ނުޒޫ...

ފިލްމީ ދާއިރާއިން އައު މޫނުތައް ފެނެއެވެ. ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންގެ ވެސް ބޭނުން ވަނީ ފިލްމު ތަކުން އައު މޫނުތައް ބެލުންތެެރިންނާ ހަމަޔަށް ކޮންމެވެސް ވަރަކަށް ދައްކާށެވެ. ނަމަވެސް ހިތާމަޔަކީ ގިނަ ކުދިން އެންމެ ފިލްމަކުން ފެނިލުމަށްފަހު އަނެއްކަވެސް ކެމެރާ ކުރިމަތިން ގެއްލުމެވެ.

އެހެެނަސް މިދިިޔަ އަހަރު ކުރީކޮޅު ރިލީޒް ކުރި ދިވެހި ފިލްމު "މަލިކާ"އިން ވިދާލި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ގެ ވިދުން ދާއިރާއިން ނުކެޑެވެ. "މަލިކާ"އަށް ފަހު ނުޒޫގެ ވިދުން ދިޔައީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ.

"މަލިކާ"އަކީ ނުޒޫ މި ދާއިރާއަށް ބޯ ކޮށްޕާލި ފުރަތަަމަ ފިލްމެވެ. އޭނާ އެ ފިލްމުގައި ދެއްކި މޮޅު އެކްޓިން އަށް ގިނަ ބަޔަކު ތައުރީފް ކުރިއެވެ. އެއާއެކު ޑައިރެކްޓަރުންނަށް ވެސް ނުޒޫ ވަރަށް ކަމުގޮސްފިއެވެ. ދެން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ކޮމެޑީ ފިލްމު "ނޯޓީ ފޯޓީ" އިންނެވެ.

"މަލިކާ" ގެ ޕޯސްޓަރެއްގައި ނުޒޫ އާއި ޒާހިރު---

ނުޒޫއަކީ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ޑާންސް ގްރޫޕެއްގައި ނަށަން އުޅުނު ހުނަރުވެރި ނެށުންތެރިއެކެވެ. "އެނިމޭންޝަން"ގެ ނަމުގައި ހިންގާ އެ ގްރޫޕުގައި ވެސް ނުލާހިކު ނަށާލައެވެ. އެހެން އުޅެނިކޮށް ނުޒޫއަށް ލިބުނީ އަބްދުލް ފައްތާހުގެ އެންމެ ފަހު ފިލްމު "ހައްދު"ގައި ހިމެނޭ އައިޓަމް ލަވަ "ގިރިޓީ ލޯބިން"ގައި ނަށާލާށެވެ. އޭނާގެ މޮޅު ހުނަރު ދައްކާލައި އެންމެން އަންތަރީސް ކޮށްލީއެވެ.

"އަސްލު މަލިކާ ކުޅެފަ ޖޮބްގަ އަނެއްކާވެސް އުޅުނީ، އެހެން ހުއްޓާ "ނޯޓީ ފޯޓީ" ކުޅެން ޗޫއްޕެ ގުޅީ، އެއީ އަސްލު އިންޑަސްޓްރީގެ މީހަކު ނުޒޫއަށް ހޯދަ ދިން ޗާންސެއް،" ނުޒޫ ފިލްމީ ދާއިރާއަށް ނުކުތް ގޮތް ކިޔައިދެމުން ބުންޏެވެ.

މިއަހަރު ފެށުނު އިރު ނުޒޫގެ ފިލްމެއް އޮތީ ސްކްރީނަށް އަންނަން ތައްޔާރުވެފައެވެ. އެއީ ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު މާޗް މަހު ގެނެސްދިން ލޯބީގެ ފިލްމު "ވަކިން ލޯބިން" އެވެ. މިއަހަރު މިއީ ނުޒޫއަށް ވަރަށް ބިޒީ އަހަރެކެވެ.

ނުޒޫ...

"ނުޒޫ އަބަދުވެސް ބޭނުންވޭ ތަފާތު ރޯލު ކުޅެން، ގިނަ ފިލްމުތަކުގަވެސް ކުޅެފަ ހުންނާނީ އެކި ކަހަލަ ރޯލުން،" ތަފަތު ރޯލުތަކުން ފެންނަނީ ކީއްވެތޯ އަހާލުމުން ނުޒޫ ބުންޏެވެ.

ކަންތައް ދިމާވީ ވަރަށް ދެރަކޮށެވެ. ނުޒޫ ކުޅެފައިވާ ފިލްމުތަކެއް މިއަހަރު ސިނަމާއަށް ނައިސް އަންނަ އަހަރަށް ލަސްވީއެވެ. އެއީ މިއަހަރު ކުރިން އަޅުވަން ނިންމާފައިވާ އަބްދުﷲ މުއާޒު (މުއާ) ހަދާފައިވާ "ލީނާ" އާއި ޑާކްރެއިން އެންޓަޓެއިންމެންޓްގެ "ގޮށްރާޅު" އެވެ.

މިހާރުވެސް ނުޒޫ އަންނަނީ ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު އެޕްރީލް މަހު އަޅުވަން ތައްޔާރުވަމުން އަންނަ ފިލްމު "މާމުއި" ގެ ޝޫޓިންގައި މަސައްކަތް ކުރަމުންނެވެ.

ނުޒޫ...

"މާމުއި ގެ ޝޫޓިން ގަވެސް ވަރަށް ބިޒީ މި ދުވަސްކޮޅު، އަނެއްކާ މަދޮޝިޕްގެ ފަރާތުން ހަދާ ފިލްމެއްގެ ޝޫޓިން ވެސް ފަށާފިން، ވިޓީވީން ހަދަން އުޅޭ ކުރު ފިލްމެއްގަ ވެސް ނުޒޫ އަށް އެބައިން ރޯލެއް، އަނެއްކޮޅުން އަންނަ އަހަރު ޔާރާ ޕްރޮޑަކްޝަންގެ ފިލްމަކުން ވެސް ނުޒޫއަށް އެބައިން ފުރުސަތެއް ލިބިފަ،" ނުޒޫގެ ބިޒީ ޝެޑިއުލް ކިޔާދެމުން ބުންޏެވެ.

ކޮންމެ އަހަރެއްގެ ބޮޑު އީދުގައި ނުޒޫ ބިޒީ ވާނީ ރަށްރަށުގައި އީދު ޝޯތައް ދިނުމުގައެވެ. ނުޒޫ ބުނަނީ ފިލްމު ކުޅެމުންވެސް ނެށުމަށް ވަގުތު ދޭނެ ކަމަށެވެ. އަދި ފިލްމީ ދާއިރާއިން ދުރަށް ނުދާނެ ކަމަށާއި އަދިވެސް ފުރުސަތުތައް ލިބޭ ވަރަކުން ފިލްމުތަކުން ފެންނާނެ ކަމަށް ނުޒޫ ބުންޏެވެ.

ނުޒޫގެ ފިލްމުތައް ބަލާފައި އޭނާގެ އެކްޓިން އަށް ތައުރީފްކުރާ މީހުން ނުހަނު ގިނައެވެ. މިވީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ނުޒޫ ގެ ޑިމާންޑްް ނުލާހިކު ބޮޑު ވެއްޖެއެވެ. ފިލްމީ ދާއިރާގައި އަދިވީ އަހަރެއްހާ ދުވަހެވެ.

comment ކޮމެންޓް