އިބޫ ރައްޔިތުންނަށް: އިތުބާރު ކުރައްވާ، އުންމީދު ކުރައްވާ!

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދިވެހިން ދަންނަނީ މަޑުމައިތިރު ބޭފުޅެއްގެ ގޮތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި 25 އަހަރު ހޭދަ ކުރެއްވި އެވެ. ތަފާތު ފިކުރުތަކުގެ ބޭފުޅުންނާ ގުޅުން ބަދަހި ބޭފުޅަކަށް އިބޫ ވެގެން ދިޔަ އެވެ. ތަފާތު ފިކުރުގެ ބޭފުޅުން އިސްވެ އިބޫ ވެރިކަމަށް ގެނައުމަށް ނިންމެވީވެސް ސަބަބުތަކެއް ހުރީމައެވެ.

އިންތިހާބީ ރައީސް އިބޫ ވިދާޅުވާ ގޮތުން ރައީސް ކަމަށް އައުމަކީ އުންމީދުކޮށްގެން ހުރި ކަމެއް ނޫނެވެ. ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތުމަށް ފަހު އިބޫ 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުގައި ރައީސް އަކަށް ވެވަޑައިގަތުމަކީ ވިސްނުންފުޅުގައި ހުރި ކަމެއްތޯ ސުވާލު ކުރުމުން އިބޫ ވިދާޅުވީ ރާއްޖޭގެ ރައީސަކަށް ވުމަކީ އެއް އިރަކުވެސް ވިސްނުންފުޅުގައި ހުރި ކަމެއް ނޫން" ކަމަށެވެ.

" އަބަދުވެސް އަޅުގަނޑު ހިތުގައި އޮވޭ ރައްޔިތުންނަށް ހިދުމަތް ކުރަން. އަދި މުޖުތަމައުގައި ހުންނަ ކަންތައްތައް ގޯސްކޮށް ހިނގާ ކަންތައްތައް އިސްލާހު ކުރުމުގެ ވިސްނުން އަބަދުވެސް ހުރޭ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައިވެސް މި މަސައްކަތް ކުރީ. އެކަމަކު ރާއްޖޭގެ ވެރިއަކަށް އައުމުގެ ނިޔަތެއް ނެތް." އިބޫ ވިދާޅުވިއެވެ.

ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިހާބުގައި އިބޫ ވާދަކުރެއްވީ ކޯލިޝަނުގެ ލީޑަރުން ބޭނުންފުޅުވެގެންނެވެ. ކަންތައްތައް ބަދަލުވެގެން ދިޔަ ގޮތުން ހުރިހާ ޕާޓީއަކުން އެއްބަސްވެވުނު ބޭފުޅަކަށް އިބޫ ވެގެން ދިޔަކަން އެމަނިކުފާނުވެސް ގަބޫލުފުޅު ކުރައްވަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ކޯލިޝަން ދެމެހެއްޓުމުގައި އިބޫއަށް ކުރެވިފައި ހުރި މަސައްކަތްތަކަކީ ކޯލިޝަނުގެ ލީޑަރުންނާއި ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އިތުބާރު އުފެދުނު ކަމެއްގެ ގޮތުގައި އިބޫ ގަބޫލުފުޅު ކުރައްވަ އެވެ.

" ރައްޔިތުން އަޅުގަނޑު ބަލައިގަންނަ ގޮތްވެސް އެބައޮތް މީގެ ކުރިން ކުރެވިފައި ހުރި މަސައްކަތްތަކަށް ބަލާއިރު. އޭގެ އަލީގައި ކޯލިޝަނުގެ ޗޮއިސްއެއް އަޅުގަނޑަކީ. އެއާ އެކީގައި އަޅުގަނޑު މި ކުރިއަށް ދަނީ. އިބޫ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރެއްވިއިރު އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. އިބޫ ވިދާޅުވި ގޮތުން ދަތުރުތަކުގެ ތެރެއިން ރައްޔިތުންނާ ބައްދަލުވުމުން އެމަނިކުފާނަށް އިހުސާސް ކުރެވުނީ ކުރަންޖެހޭ މަސައްކަތްތައް ގިނަ ވެފައި ބޮޑުކަން ކަމަށެވެ.

ކެމްޕެއިން ތެރޭގައި ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރުމުން ވަރަށް ގިނަ ކަންކަން އިހުސާސް ކުރެވުނު ކަމަށް އިބޫ ވިދާޅުވި އެވެ. އެގޮތުން " ކުރަން ހުރި ބައިވަރު މަސައްކަތްތައް ނުކުރެވި ހުރިކަން ފާހަގަކުރެވުނު." ކަމަށް ވިދާޅުވި އެވެ.

" ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ނުދެވި ހުރިތަން ފެނޭ. އަދި އޭގެ އިތުރުން ހައްގުތައް ނިގުޅައިގަނެވިފައި ހުރިތަން އެބަފެނޭ. އަދި ހަމަހަމަކޮށް އިންސާފު ނުލިބޭތަން އެބަފެނޭ. މިކަންތައްތައް އަޅުގަނޑަށް ބޮޑަށް ފާހަގަކުރެވިގެން ދިޔައީ އިންތިހާބަށް މިކުރި ދަތުރުތަކުގެ ތެރެއިން.." އިބޫ ވިދާޅުވި އެވެ.

އެހުރިހާ ކަމަކަށް ވިސްނާލާއިރު ވެރިއެއްގެ ހައިސިއްޔަތުން ކުރަން ހުރި މަސައްކަތްތައް ބޮޑުވެފައި ގިނަކަން އިހުސާސްކުރެވޭ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ވެރިކަން ކުރުމަކީ ކޮންމެ ގައުމެއްގައި ވެރިކަން ކުރި ނަމަވެސް "އެކަނިވެރި މަގާމެއް" ގޮތަށް ފާހަގަ ކުރެވުނު ކަމަށް އިބޫ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއާ ހިލާފަށް ވެރިކަމަށް އައުމަށް ފަހު "ވާނުވާ އެނގެނީ މީހަކު އައިސް ބުނީމަ" ކަމަށް އިބޫ ވިދާޅުވި އެވެ. އެހެންކަމުން ކައިރީގައި ތިއްބަވާ ބޭފުޅުން ރަނގަޅަށް ލަފާ ދިނުމާއި ރަނގަޅަށް ކަންތައްތައް އޮޅުންފިލުވާ ދެއްވުމުގެ މުހިންމުކަން ފާހަގަ ކުރައްވާ އިބޫ އެދިވަޑައިގަތީ އެއްކޮށް މަސައްކަތް ކުރާ ޓީމު އެމަނިކުފާނަށް އިހުލާސްވެރި ވުމަށެވެ.

"ކައިރީގައި ތިއްބަވާ ބޭފުޅުން ރަނގަޅަށް ލަފާ ދެއްވުމާއި ރަނގަޅަށް ކަންތައްތައް އޮޅުންފިލުވާ ދެއްވުމަކީ ވަރަށް މުހިންމު ކަމަކަށް ވެގެންދާނެކަން އަޅުގަނޑަށް މިހާރުވެސް ގަބޫލު ކުރެވޭ. އެހެންނޫނިއްޔާ ވަރަށް ފަސޭހައިން ވެރިމީހާ މަގުއޮޅިގެން ހިނގައިދާނެ" ގާތް ބޭފުޅުން އިހުލާތެރިވުމަށް އެދިވަޑައިގަންނަވަމުން އިބޫ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޓީމަށް ކޮންމެ ދުވަހަކުވެސް ރަނގަޅަށް ކަންކަން އޮޅުން ފިލުވައިދިނުމަށް އެދެމުންދާ ކަމަށް އިބޫ ވިދާޅުވި އެވެ. އެ ހިނގާ ކަމަކީ އެމަނިކުފާނު ބޭނުންވާ ގޮތަށް ނުވުމަކީ މައްސަލައެއް ނޫން ކަމަށްވެސް އިބޫ ވިދާޅުވި އެވެ. ކަން އޮތްގޮތް ކިޔާ ދިނުމުން ޑިޒިޝަން ނަގަން ފަސޭހަވެގެން ދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

ވެރިކަން ކުރުމަކީ ވަގުތު ބޭނުންވާ ކަމެއްކަން އިބޫ ފާހަގަކުރެއްވި އެވެ. ކޮންމެ ދުވަހަކު 24 ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގަންނަވަނީ ގަނޑެއްގައި ލިޔެގެން ކަމަށް ވިދާޅުވި އެވެ.

"ވަގުތު ގަނެވޭނަމަ ވަގުތު ގަނެގެން 24 ގަޑިިއިރު އިތުރުކުރަން ޖެހޭ ކަހަލަ މަގާމެއް މިއީ. އެހެންވީމަ 24 ގަޑިއިރު އެގޮތަށް ބަހައިގެން ދާއިރު ރާއްޖޭގެ ރަށްރަށުގައި ދުނިޔޭގައި ހިނގާ ކަންތައް އެހާ ފަސޭހައެއްކޮށް ނޭންގެ. ހަމަ އެކަނިމާ އެކަނި މި އިންނަން ޖެހެނީ. އެހެންވީމަ ޓީމު ވޯކު އެއީ ވަރަށް މުހިންމު އެއްޗެއް ކަމަށް އަޅުގަނޑު ދެކެނީ" އިބޫ ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް ކުރެވިފައި ހުރި ތަޖުރިބާއަށް ބަލާއިރު ވެރިއެއްގެ ގޮތުން މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް ނޫންކަން ފާހަގަ ކުރައްވާ އިބޫ އެދިވަޑައިގަތީ ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރެއްވުމަށެވެ.

"އިތުބާރު ކުރައްވާށޭ އަޅުގަނޑަށް. އުންމީދު ނަގާ ނުލައްވާށޭ. އުނދަގޫ މަރުހަލާއެއް އޮތީ. އެހެންވީމަ ރައްޔިތުންގެ އެއްބާރުލުން އަޅުގަނޑުމެންނާއެކު ދެއްވުން އެއީ އަޅުގަނޑު އެދޭ ކަމެއް."

comment ކޮމެންޓް