ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުން މިމަހުގެ 24ގެ ނިޔަލަށް

ހިޔާ މަޝްރޫެއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓުތައް --- ފޮޓޯ: އެޗްޑީސީ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 24 އޮކްޓޯބަރު ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ "ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ފްލެޓުތަކަށް އެދުނުމީހުންގެ ތެރެއިން ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު މިހާރު އާންމުކޮށްފައިވާ ކަމަށެވެ.

މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މީގެ ކުރިން މިއަދުގެ ނިޔަލަށް ހުޅުވާލާފައިވީ ނަމަވެސް މިހާރު މި މުއްދަތު ވަނީ މިމަހުގެ 24ވާ ބުދަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާޢްސަ ފޯމު ފުރުމަށް ފަހު ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކުރާނީ ވަގުތީ ލިސްޓަށް ލިބޭ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ސާފު ކުރެވޭ އިތުރު މައުލޫމާތު ބެލުމަށް ފަހު ނޫނީ ދެމަފިރިން ފުލެޓަށް އެދި ހުށަހަޅައި ފްލެޓު ލިބިފައިވާ ނަމަ އެކަން ބެލުމަށް ފަހު ލިސްޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެ އެވެ.

ފްލެޓަށް އެދި ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާ އިރު ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އިން 299 ފްލެޓު، ޓީޗަރުންގެ ކެޓަގަރީ އިން 735 ފްލެޓު، އެކަނިވެރި މައިންނާއި ބަފައިންގެ ކެޓަގަރީ އިން 500 ފްލެޓު، 18 އަހަރާ 40 އަހަރާ ދެމެދުގެ ކެޓަގަރީ އިން 1000 ފްލެޓު، މާލޭ ދަފްތަރު ކެޓަގަރީ އިން 1044 ފްލެޓު މާލޭ ރަށްވެހިންގެ ކެޓަގަރީ އިން 1050 ފްލެޓު އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް 200 ފްލެޓު ދޭން ވަގުތީ ލިސްޓުގައި ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް