ޕީޕީއެމް ކޮންގްރެސް ގާބޫލެއް ނުކުރަން، އަސާސީ ގަވާއިދާ ހިލާފު: ރައީސް މައުމޫން

އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހާް ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިދިޔަ ހުކުރު ދުވަހު ބޭއްވި ޕީޕީއެމްގެ "އަދަޔާ ހިލާފު ކޮންގްރެސް" ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމަށާއި އެ ކޮންގްރެސް ގަބޫލުފުޅު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ފައުންޑޭޝަންގެ އޮފީހުގައި މިއަދު ހެދުނު އިންތިހާބީ ރައީސް އިބްރާހިމް މުހައްދު ސޯލިހްއާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންގްރެސް ބާއްވާ އިރު ގޮފިތަކުން ވަކި އުސޫލަކުން ކޮންގްރެސްގައި ބައިވެރިވާން މަންދޫބުން ޖެހޭނީ އިންތިހާބުކުރަން ކަމަށެވެ.

މިޑިއާ ނުވައްދާ ބޭއްވި ޕީޕީއެމްގެ "އަދަޔާ ހިލާފު ކޮންގްރެސް"ގައި އެ ޕާޓީގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަނީ އިންތިޚާބުކޮށްފަ އެވެ. އެޕާޓީގެ ނައިބު ރައީސްގެ މަގާމަށް ހަތަރު ބޭފުޅަކު އަދި ކައުންސިލަށް 20 މެންބަރުން ވެސް ކޮންގްރެސްގައި އިންތިޚާބު ކޮށްފައިވެ އެވެ.

ޕީޕިއެމް އިން ބޭއްވި ކޮންގްރެސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މައުމޫން ވިދާޅުވީ ކޮންގްރެސް އަށް މަންދޫބުން އިންތިހާބުކޮށް، ފާޅުކަން ބޮޑުގޮތެއްގައި ވަކި މުއްދަތެއްގެ ތެރޭގައި އެކަންތައް ކުރަން އަސާސީ ގަވާއިދުގައި ބުނާ ކަމަށެވެ.

"ގައިމު ވެސް އަސާސީ ގަވާއިދުގައި ބުނާ ގޮތަކަށް ނޫން އެކަންތައް ހިނގާ ދިޔައީ، އަސާސީ ގަވާއިދު ބުނާ ގޮތަކަށް ނޫން ގޮތަކަށް ހިނގާ ކަމެއް އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ،" ޖަލު ހުކުމްގައި ހުންނެވުމަށް ފަހު ކަފާލަތުގެ ދަށުން މިނިވަންވެ ފުރަތަމަ ފަހަރަށް މީޑިއާ އަށް މައުލޫމަތު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.

ޕިޕީއެމް އިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ނިންމި ނިންމުމަށް އިޝާރަތް ކުރައްވައި މައުމޫން ވިދާޅުވީ އިދިކޮޅު ޕާޓީއެއް ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަތުމަކީ ކޮންމެ ބޭފުޅެއްގެ ވެސް ހައްގެއް ކަމަށާއި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް އޮންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ކޮށްގެން އެމީހަކަށް އެއްވެސް އަނިޔާއެއް ލިބިގެން ނުވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އެ ހައްގު އޮންނާނެ ޔާމިން އަށް ވެސް އަދި އެނޫން ބޭފުޅަކަށް ވެސް، ބޭނުންފުޅު ނަމަ އެހެން ހައްދަވަންވީ، އެހެން ނަމަވެސް ގާނޫނީ އިމުގެ ތެރެއިން ގާނޫނު އަސާސީ އާއި ގަނޫންތައް ބުނާ ގޮތުގެ ތެރެއިން އެކަން ކުރައްވާ،" ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ.

ޕާޓީ ހޯއްދަވަން ކޯޓަށް ވަޑައިގަންނަވާނެތޯ ނޫސްވެރިއަކު ކުރި ސުވަލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވީ އެބޭފުޅާ އަދި ކޯޓަށް މައްސަލަ ހުށަނާޅާ ކަމަށާއި ނަމަވެސް އެބޭފުޅުން އެމަސައްކަތް ކުރައްވަމުން އެބަ ގެންދަވާ ކަމަށެވެ.

comment ކޮމެންޓް