ރައީސްގެ އެކައުންޓުގެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ފަހު ވަނީ ނަގާފައި: ތަރުޖަމާނު

ރައީސް ޔާމީން --- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ތުހުމަތުތަކެއްކޮށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން ފުލުހަށް ހުށަހެޅި މައްސަލަ އަނބުރާ ނަގާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވައި ތަރުޖަމާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެމްޕެއިންގެ ހަރަދުތައް ބެލެހެއްޓުމަށް ގާނޫނުގައި ބުނެފައިވާ ގޮތަށް ރައީސްގެ ވަކި އެކައުންޓެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެ އެކައުންޓަށް ރާއްޖެ އިން ބޭރުން އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާ ކަމަށާއި އެމްއެމްއޭގެ ސިޓީއާ ގުޅިގެން ރައީސް ގަވަރުނަރާ ވާހަކަ ދައްކަވައި އެ ސިޓީގެ މައުލޫމާތު ހޯއްދެވި ކަމަށް މުއާޒު ވިދާޅުވި އެވެ.

"އެފްޔޫއައި އިން ސިޓީއެއް ފުލުހަށް ފޮނުވީ ގަވަރުނަރަށް އެނގިވަޑައިގެން ނޫން ކަމަށާޢި އެ ސިޓީގައި ހުރި ވާހަކައިން ރައީސް ގާނޫނާ ހިލާފުވެފައިވާ އެއްވެސް ކަމެއް އެނގެން ނެތުމުން އެ ސިޓީ ފުލުހުން އަނބުރާ ނަގާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި،" އެ ސިޓީއާ ގުޅޭ ހަގީގަތް އެމްއެމްއޭ އިން ރައްޔިތުންނަށް ސާފުކޮށްދެންޖެހޭ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

އިސްލާމިކް ބެންކުގައި އޮންނަ ރައީސް ޔާމީންގެ އެކައުންޓަށް 1.5 މިލިއަން ޑޮލަރު ނަގުދު ފައިސާ އިން ޖަވާވެފައި ވަނީ ރިޔާސީ އިންތިހާބުގެ ކުޑަދުވަސްކޮޅެއް ކުރިން ކަމަށް އަލްޖަޒީރާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ފައިސާ ރައީސްގެ އެކައުންޓަށް ޖަމާވެފައި ވަނީ ދެ ފަހަރެއްގެ މަތިންކަމަށް ވެސް އަލްޖަޒީރާގައި ބުނެފައިވެ އެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް އެޑްރެސްކޮށް ސެޕްޓެމްބަރު 13 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީ އަލްޖަޒީރާ އަށް ލިބިފައިވާ ކަމަށާއި އެ ސިޓީގައިވާ ގޮތުން ރައީސްގެ އެކައުންޓަށް އެންމެ ފުރަތަމަ ޖަމާކުރި 648،508 ޑޮލަރު ކަމަށާއި އެ ފައިސާ ޖަމާވީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހު ކަމަށާއި ބާކީ 810،635 ޑޮލަރު ސެޕްޓެމްބަރު 10 ވަނަ ދުވަހު ޖަމާވެފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

"މި ހުރިހާ ފައިސާއެއް ނަގުދު ފައިސާ އިން ވަނީ އެކައުންޓުން ނަގައިފަ އެވެ،" އެ ސިޓީގައި ބުނެފައިވާ ކަމަށް އަލްޖަޒީރާގައި ބުނެފައިވެ އެވެ. އަދި އެ ފައިސާ އަކީ ރައީސްގެ ކެމްޕެއިނަށް ހެޔޮއެދޭ ފަރާތްތަކުން ދިން ފައިސާ ކަމަށް ބޭންކުން ސުވާލު ކުރުމުން ބުނެފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުނެފައިވެ އެވެ.

comment ކޮމެންޓް