އޯޑިއޯ އަކީ އެޑިޓެއް، މައްސަލަ ފުލުހަށް ހުށަހަޅާނަން: ޝަރީފް

ރިޔާސީ އިންތިހާބްގެ ރަސްމީ ނަތީޖާ އިއުލާނު ކުރި ރަސްމިއްޔާތުގައި އީސީގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެެ ރައީސް އަހުމަދު ޝަރީފް ފޯނުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ، ލީކުކޮށްފައިވާ އޯޑިއޯ އަކީ އެޑިޓްކޮށްފައިވާ އޯޑިއޯ އެއްކަމަށް ޝަރީފް ވިދާޅުވެއްޖެ އެވެ.

ލީކުވެފައިވާ އޯޑިއޯ އާ ގުޅޭ ގޮތުން ޝަރީފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އޯޑިއޯއަކީ އެކިފަހަރުމަތިން ދައްކާފައިވާ ވާހަކަތައް ނޭނގި ރެކޯޑްކޮށްގެން ވާހަކައިގެ ތަރުތީބު އިސްފަސްކޮށް، ވަކި މާނައެއް ދޭހަކޮށްދިނުމަށް އެޑިޓްކޮށް ޑަބްކޮށްފައިވާ އޯޑިއޯ އެއް ކަމަށެވެ.

"މި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުސް އޮފީހަށް ހުށަހަޅަން ގަސްދުކުރާ ވާހަކައާއި އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދޭނެވާހަކަ ދެންނެވީމެވެ،" އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި ޝަރީފް ވިދާޅުވެފައި ވަނީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް އެތެރެއާއި ބޭރުން އިއްތިފާގުވެފައިވާ އިންތިހާބެއް ކަމަށާއި އެކަން އެގޮތަށް އޮއްވައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އިންތިހާބު އޮޅުވާލިކަމަށް ބުނެ ވާހަކަ ދައްކާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

"އަދި އެޕާޓީއަކަށް އަޅުގަނޑު ކުރިން ނިސްބަތްވާ، އަދި އެޕާޓީއަށް ޓަކައި ނުހަނު ބުރަ މަސައްކަތްތަކެއްކޮށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ އާންމު މެންބަރުންނާއި ލީޑާޝިޕާއި އާންމު މެންބަރުން އަޅުގަނޑާ މެދު ދެކޭގޮތް ކިލަނބުކޮށްލުމަށް ބަޔަކު ރާވައިގެން ކުރާ މަސައްކަތް ހަރުކަށިކޮށް ކުށްވެރުކުރަމެވެ."

ޝަރީފް ވިދާޅުވީ ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި ގާނޫނާ ގަވައިދުގެ ތެރެއިން ނޫންގޮތަކަށް އިންތިހާބުގެ އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ.

"އަދި އަޅުގަނޑާ މަތިކޮށްފައިވާ ޒިންމާތައް އަމާނާތްތެރިކަމާ އެކު، އަދާކުރުންމަތީ ދެމިހުންނާނެ ވާހަކަ ދަންނަވައި މި ކަން ކުރުމުގައި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން އެދޭ ވާހަކަ ދަންނަވަމެވެ." އެ ބަޔާނުގައި ޝަރީފް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް