މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ކަނޑާލި މައްސަލަ ފުލުހުންނަށް ހުށަހަޅާނަން: ޕީޕީއެމް

ގދ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް ކުރިއަށްދަނީ، މިހާރު މި ކޯޒްވޭ ރައްޔިތުން ނިކުމެ ވަނީ ކަނޑާލާފައި --- ފޮޓޯ: މިނިސްޓަރު މުއިއްޒު

ސަރުކާރުން 29 މިލިއަން ހަރަދުކޮށްގެން ހެދި މަޑަވެލި ހޯޑެއްދޫ ކޯޒްވޭ ކަނޑާލި މައްސަލަ ފުލުހުންނަށް ހުށައަޅާނެކަމަށް ވެރިކަންކުރާ ޕާޓީ ޕީޕިއެމް އިން ބުނެފި އެވެ.

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް އެމްޓީސީސީން ހެދި ކޯޒްވޭ، ހޯޑެއްދޫ ރައްޔިތުން ނުކުމެ މިދިޔަ ހޯމަ ދުވަހު ވަނީ ކަނޑާލައިފަ އެވެ.

އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މަޑަވެލި ހޯޑެއްދޫ، ކައުންސިލު އިސްވެ އޮވެ ކަނޑާލުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށާއި ޕާޓީގެ ފަރާތުން ދެ ރަށު ރައްޔިތުންނަށް ގެއްލިގެންދިޔަ އެ ބޮޑު ހައްގު ހޯދައިދިނުމަށް ޓަކައި އެކަން ކުރި ފަރާތްތައް ހޯދާ ފުލުހަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

"މި މައްސަލަ ހުށަހަޅައި، ދާންޖެހޭ ހިސާބަކަށް އަޅުގަނޑުމެން ދާނަން މި ހައްގު އެ ރަށުގެ ރައްޔިތުންނަށް ހޯދާދިނުމަށް،" ރައްޔިތުންގެ މަޖިލިސް ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލު ވިދާޅުވި އެވެ.

ބައެއް މީޑިއާތަކަށް މައުލޫމަތު ދެއްވަމުން ހޯޑެއްދޫ ކައުންސިލުން ބުނީ އެމްޓީސީސީއާ ހަވާލުކޮށްގެން، މިދިޔަ މަހުގެ ތެރޭގައި ސަރުކާރުން ނިންމި ކޯޒްވޭ ކަނޑައިލަން ނިންމީ، "ކޯޒްވޭ މަތިން، ރަށުގެ ތެރެއަށް ލޮނުގަނޑު އަރައި، ރަށް އަޑިއަށް ދާތީ"އެވެ.

ކައުންސިލުތަކަށް ވަރަށް ފާޑު ވިދާޅުވެ ހަލީލް ވިދާޅުވީ ކައުންސިލުތަކުން "ހިތްޕުޅާ ނުވީމާ" ދައުލަތަކުން ކޮށްފައި ހުންނަ ބޮޑެތި މަސައްކަތްތައް ރޫޅާލައި އެތަންތަންތަނަށް އެބޭފުޅުން އަމިއްލައަށް ކަންތައް ކުރެވިދާނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ހަލީލް ވިދާޅުވީ ކައުންސިލުތައް މަސައްކަތް ކުރަންވާނީ އަބަދު ވެސް ޔުނިޓަރީ ދައުލަތަކުން ރާއްޖޭގެ މައި ސަރުކާރުން އަންގާ ގޮތްތަކުގެ މަތިން ކަމަށާއި މައި ސަރުކާރުގެ ހުއްދަ ނެތި ދައުލަތުގެ އެއްވެސް މިލްކިއްޔާތެއް ރޫޅާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އެކަމުގެ އަގު އަދާކުރަން ޖެހޭނެކަމަށް ވިދާޅުވި އެވެ.

ރައިސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ހަދަން ފެށި މި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކުގަ އެވެ.

comment ކޮމެންޓް