އަޒްމީ އާއި ނަޖުމާ ވެސް ދޫކޮށްލައިފި

ކުރީގެ ރައީސް މައުމޫނުގެ ސެކިއުރިޓީ ޓީމުގައި ހިމެނޭ މުހައްމަދު އަޒްމީ ވެސް އިއްޔެ ވަނީ މިނިވަންކޮށްފައި--- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވި މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރި ނަޖުމާ އިބްރާހިމް އެއްވެސް ޝަރުތަކާ ނުލައި އިއްޔެ ބަންދުން ދޫކޮށްލައިފި އެވެ.

ބަންދު ލުއިކޮށްދިނުމަށް އެދި އަޒްމީ އާއި ނަޖުމާގެ ވަކީލުން ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އެ ދެމީހުން ދޫކޮށްލަން ނިންމީ އިއްޔެ އޮތް އެ ދެމީހުންގެ އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގަ އެވެ.

އިއްޔެގެ އަޑުއެހުމުގައި އަޒްމީގެ ބަންދު ލުއިކޮށްދިނުމަށް އެދި އޭނާގެ ވަކީލު ވިދާޅުވީ އޭނާގެ ފަރާތުން މުޖްތަމައުގެ ސަލާމަތަށް ނުރައްކާ ވާނެ ފަދަ އެއްވެސް އަމަލެއް ފެނިގެން ގޮސްފައި ނުވާނެ ކަމަށާއި އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް ވެސް ނުފެންނާނެ ކަމަށެވެ. އަދި އޭނާގެ އަންބަކާއި ދަރިއަކު ހުރިކަން ފާހަގަ ކުރައްވައި، ބަންދުގައި ހުރުމުގެ ސަބަބުން އެ ދެމީހުންގެ ހައްގުތައް އޭނާއަށް އަދާ ނުކުރެވޭ ކަން ވެސް ވަކީލު ފާހަގަ ކުރެއްވި އެވެ.

ކުރީގެ ރައީސް މައުމޫނުގެ އޮފީހުގައި މަސައްކުރި ނަޖުމާ ވެސް ވަނީ މިނިވަންކޮށްފައި --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ޝަރީއަތް ނިމެންދެން ގޭބަންދުގައި ބަހައްޓާފައި ހުރި ނަޖުމާގެ ވަކީލު ވިދާޅުވީ ނަޖުމާ ގޭބަންދުގައި ހުރުމުގެ ސަބަބުން އޭނާގެ ދަރިފުޅުގެ ހައްގުތައް އެންމެ ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށެވެ. އަދި ކަރެކްޝަންސްގެ ފަރާތުން ނަޖުމާއަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ނުދޭ ކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުން އިއްޔެގެ އަޑުއެހުމުގައި ބުނީ، އެ ދެމީހުންގެ ބަންދު ލުއި ކުރުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންނަށް ސިޓީއެއް ފޮނުވުމުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ ޢަމަލެއް އެ ދެމީހުންގެ ފަރާތުން ވެސް ނުފެންނަ ކަމަށް ފުލުހުން ރައްދުގައި ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ ދެމީހުން ބަންދުން މިނިވަން ކުރުމަށް އިއުތިރާޒެއް ނެތް ކަމަށް ބުންޏެވެ.

ގާޒީ އާދަމް އާރިފް ނިންމެވީ އެއްވެސް ޝަރުތަކާ ނުލައި އެ ދެމީހުން ބަންދުން ދޫކޮށްލުމަށެވެ. ނަމަވެސް ގާޒީ ވަނީ އެ ދެމީޙުން ކޯޓަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

އަޒްމީ އާއި ނަޖުމާ ދޫކޮށްލާފައި މިވަނީ ބަންދުގައި ބަހައްޓާފައިވާތާ ހަތް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށެވެ.

comment ކޮމެންޓް