ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ފިނޭންސް މިނިސްޓަރު މުނައްވަރު --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ އިން ފައްޓައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު "ސަން"އަށް ވިދާޅުވީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ބަޖެޓު ހުށަހަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން، ފެށޭ މާލީ އަހަރުގެ ބަޖެޓު އޭގެ ކުރީ އަހަރުގެ އޮކްޓޫބަރު 31ގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.

މިނިސްޓަރު މުނައްވަރު ވިދާޅުވީ ބަޖެޓުގައި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ ބެހޭ ކަންކަން ހިމަނާފައިވާ ކަމަށާއި، އާ ސިޔާސަތުތަކާއި ކަންކަމުގެ ގޮތުގައި ހިމަނާނެ ކަންކަން ނިންމާނީ ކެބިނެޓުގެ މަޝްވަރާއާ އެކުގައި ކަމަށެވެ.

އަދި އިންތިހާބުވި އާ ސަރުކާރުން އަންނަ އަހަރު ކުރަން ބޭނުންވާ ކަންކަން ވެސް ބަޖެޓުގައި ހިމެނޭނެ އެކި ގޮތްތައް، ކޯލިޝަން ސަރުކާރުގެ ބޭފުޅުންނަށް ވެސް ލިބިގެންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅުމުން ބަޖެޓުގައި އާ ސަރުކާރުން ބޭނުންވާ ކަންކަން އިދިކޮޅު ފަރާތްތަކަށް ހުށަހެޅޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފަރާތުން މި ދައުރުގައި ހުށަހަޅާ އެންމެ ފަހު ބަޖެޓެވެ.

މިހަފްތާގައި އޮތް ރިޔާސީ އިންތިހާބުން ރައީސް ޔާމީނުގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވަނީ ކުރިހޯއްދަވައި، އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.

އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓް ދިން މީހުންގެ 58.4 ޕަސެންޓް ހޯއްދަވައިގެންނެވެ. ރައީސް ޔާމީން އަށް ލިބިވަޑައިގަތީ 41.6 ޕަސެންޓެވެ.

comment ކޮމެންޓް