ސާފް ސުޒުކީ ކަޕުގައި މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝް ކުޅުނު ފުރަތަމަ މެޗުން މިރޭ ބޫޓާންގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ގޯލު ބަންގްލަދޭޝުން ކާމިޔާބު ކުރީ މެޗު ފެށިތާ ފަސް މިނެޓު ނުވަނީސް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއެއް ބޮލުން ޖަހަން އެރި ވަގުތު ބޫޓާން ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ޑިފެންޑަރު ޓޯޕޫ ބްރަމަން އެވެ.
އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ބޫޓާނުގެ ތަރި ޗެންޗޯ ގެޔެސްޓެން އަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އެ ފުރުސަތުތައް ވަނީ ބޭކާރުވެގެން ގޮސްފަ އެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި އޭނާ ނެގި ޝޮޓު ދިޔައީ ބޭރަށެވެ. އަނެއް ޝޮޓުގައި ބާރެއް ނެތުމުން ބަންގްލަދޭޝްގެ ކީޕަރު އެ ޝޮޓު ސޭވް ކުރީ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ ލީޑު ފުޅާ ކުރުމަށް އަރިމަތިން ކުޅޭ ބިލްޕޯ އަހުމަދު އަށް ރަނގަޅު ފުރުސަތެއް ލިިބިގެން ދިޔައެވެ. ނަމަވެސް އެ ފުރުސަތުގައި އޭނާ ނެގި ޝޮޓު ބޫޓާން ކީޕަރު ވަނީ މަތަކޮށްފަ އެވެ.
ބަންގްލަދޭޝްއިން ދެވަނަ ގޯލު ޖަހައި ލީޑު ފުޅާ ކުރީ ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީހެވެ. 47 ވަނަ މިނެޓުގައި އެ ގޯލު ޖެހީ އެ ޓީމުގެ ފޯވަޑް މަހްބޫބުއްރަހްމާން ސުފީލް އެވެ. އޭނާ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ދެވަނަ ހާފުގައި ވެސް މެޗު ކޮންޓްރޯލު ކުރީ ބަންގަލަދޭޝުންނެވެ. އެ ޓީމުން ވަނީ މިޑްފީލްޑް ކޮންޓްރޯލުކޮށްގެން ބޫޓާނަށް ހަމަލާތައް އުފެއްދުމުގެ ފުރުސަތު ހަނިކޮށްފަ އެވެ.
މި މޮޅާއެކު ބަންގްލަދޭޝް އޮތީ ގްރޫޕް އޭގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ މިއަދު ނޭޕާލް އަތުން 2-1 އިން މޮޅުވި ޕާކިސްތާން އެވެ. ޕާކިސްތާނު ދެވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.
މި ގްރޫޕްގައި ދެން ކުޅޭ މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ބަންގްލަދޭޝް ކުޅޭނީ ޕާކިސްތާނާ އެވެ. އަނެއް މެޗުގައި ބޫޓާން ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ.