"ސްޓްރީ"އަށް ލިބެމުންދާ ކާމިޔާބީ އާއެކު ފިލްމުގެ ދެވަނަ ބަޔަކާ ދިމާއަށް!

"ސްޓްރީ" އިން ފެނިގެންދާ ރާޖްކްމާރު އަދި ޝްރައްދާ...

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޝްރައްދާ ކަޕޫރާއި ރާޖްކްމާރު ރޯއޯ ލީޑު ރޯލު ކުޅެ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ސްޓްރީ"އަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވުމުގެ ފުރުސަތުވެސް އެ ފިލްމަށް ބޮޑެވެ.

ފިލްމަށް ލިބެމުންދާ ކާމިޔާބީ އާއެކު "ސްޓްރީ" ގެ ދެވަނަ ބައެއް ގެނެސްދޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ދިނޭޝް ވިޖާން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިންޓަވިއުއެއްގައި ވާހަކަދައްކަމުން ދިނޭޝް ބުނީ "ސްޓްރީ"ގެ ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށާއި ނަމަވެސް ދެވަނަ ބައި ބެލުންތެރިންނާ ހަމަޔަށް އަންނަ ވަރު ވާނީ އަންނަ އަހަރުގެ ފަހުކޮޅު ކަމަށެވެ.

ބޯޕާލްގެ އަވަށެއް ކަމުގައިވާ ޗަންދޭރީގެ މީހުން ގަބޫލު ކުރާ ގަބޫލުކުރުމެއްގެ މައްޗަށް އުފައްދައިފައިވާ "ސްޓްރީ" އަކީ ބިރުވެރި މަޖާ ފިލްމެކެވެ.

ހަބަރުތައް ލިބޭ ގޮތުގައި "ސްޓްރީ"ގެ ދެވަނަ ބައި ފެށޭނީ ފުރަތަމަ ބައި ނިމިގެންދިޔަ ހިސާބާ ގުޅިގެންނެވެ. ދެވަނަ ބައިގެ ލީޑު ރޯލުން ވެސް ޝްރައްދާ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނަމުންދިޔަ ކަމުގައިވިޔަސް ދިނޭޝް އަދި ވަކި އެއްޗެއް ނާންގައެވެ.

ހުކުރު ދުވަހު "ސްޓްރީ" ރިލީޒްކުރި ފަހުން އެ ފިލްމު އަންނަނީ ބޮކްސް އޮފީހުގައި ވެސް ނުލާހިކު ބާރަށް ވިދަމުންނެވެ. އެގޮތުން މިހާތަނަ 40.68 ކުރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީ އެއް ވަނީ ފިލްމަަށް ލިބިފައެވެ.

comment ކޮމެންޓް