މުބާރާތް ކާމިޔާބު ކުރާނަމެކޭ އަދި ނުބުނާން، އަމާޒަކީ ދެވަނަ ބުރު: ބަންގާޅު ކޯޗް

ބަންގްލަދޭޝްގެ ކޯޗް ޖޭމީ ޑޭ-- ފޮޓޯ: ޔޫއެންބީ

މިއަދު ބަންގްލަދޭޝްގައި ފަށާ ސާފް ސުޒުކީ ކަޕް ކާމިޔާބު ކުރާނެ ކަމަށް ބުނަން އަދި އަވަސް ކަމަށާއި، މިހާރު އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުން ކަމަށް ބަންގާޅު ޓީމުގެ ކޯޗް ޖޭމީ ޑޭ ބުނެފިއެވެ.

ބަންގާޅުން ވަނީ ކުރިއަލާ މިފަހަރުގެ މުބާރާތަށް ތައްޔާރީތައް ފަށައިފައެވެ. އެގޮތުން 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ހަތަރު މަސް ވަންދެން ތަމްރީނުތައް ކުރިއަށް ގެންދިޔައެވެ. ތަމްރީނުތަކުގެ ތެރެއިން ގަތަރު އިންޑޮނޭޝިއާ އަދި ކޮރެއާގައި ވެސް އެ ޓީމު ކޭމް ކުރި އެވެ.

މިއަދު މުބާރާތުގައި ބަންގާޅުން ކުޅޭ ފުރަތަމަ މެޗުގެ ކުރިން އިއްޔެ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޑޭ ބުނީ އޭޝިއަން ގޭމްސްގައި ބަންގާޅުން ނެރުނު ނަތީޖާއަށް ފަހު ސީނިއާ ޓީމާ މެދު ކުރާ އުންމީދުވެސް ބޮޑުވެފައިވާ ކަމަށެވެ.

"އެކަމަކު އަމާޒަކީ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދިޔުން. އަހަރެން ނުބުނާނަން އަހަރެމެން މުބާރާތް ކާމިޔާބު ކުރާނަމޭ، އަހަރެމެންގެ ޓީމޭ އެންމެ މޮޅީ. ކުޅުންތެރިން ވަރަށް މަސައްކަތް ކޮށްފި. އުންމީދު ކުރަނީ ދެވަނަ ބުރަށް ދެވޭ ވަރުގެ ނަތީޖާއެއް ނެރެވޭނެ ކަމަށް،" ޑޭ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ބަންގާޅު ޓީމު އޮތީ ޗެލެންޖުތަކާ ކުރިމަތިލާން ތައްޔާރަށް ކަމަށާއި، ބޭނުން ވަނީ ރީތި ފުޓުބޯޅައެއް ކުޅެ ފުރަތަމަ މެޗުގައި ބޫޓާންގެ މައްޗަށް ކުރި ހޯދަން ކަމަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބަންގާޅު އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗުން 1-0ގެ ނަތީޖާއިން ބަލިވި ނަމަވެސް، ބަންގާޅުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ލަންކާ ޓީމުން އެ މެޗުގައި ކުޅުނީ ޑިފެންސިވް ގޭމެކެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ރާއްޖެއާ އެކު ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

comment ކޮމެންޓް