އާ ގަވަރުނަރުގެ ސޮޔާއެކު ނެރުނު ނޫޓުތައް ބޭނުންކުރަން ފަށައިފި

އާ ގަވަރުނަރުގެ ސޮޔާއެކު ނެރުނު 10 އަދި 100ގެ ނޫޓުތައް-- ފޮޓޯ: އެމްއެމްއޭ

ރާއްޖޭގޭ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މިހާރުގެ ގަވަރުނަރު އަހުމަދު ނަސީރުގެ ސޮޔާއެކު އެ އޮތޯރިޓީން އަލަށް ޗާޕް ކޮށްގެން ނެރުނު 10 އަދި 100 ރުފިޔާގެ ނޫޓުތައް ބޭނުންކުރަން ފަށައިފިއެވެ.

އެމްއެމްއޭއިން ބުނީ އަލަށް ނެރުނު ނޫޓުގައި ހަމައެކަނި ތަފާތުވާނީ ގަވަރުނަރުގެ ސޮޔާއި އަދި ތާރީހު ކަމަށެވެ. އަލަށް ނެރުނު ނޫޓުތަކުގެ ތާރީހުގައި ޖަހާފައިވަނީ 10 މާޗް 2018، 22 ޖޫމާދަލްއާޚިރާ 1439 އެވެ.

އަލަށް ނެރުނު ނޫޓުތަކާއެކު ކުރިން ނެރެފައިވާ 10 އަދި 100ގެ ނޫޓުތައްވެސް ކުރިއެކޭ އެއްގޮތަށް ބޭނުންކުރެވޭނެ ކަަމަށް އެމްއެމްއޭއިން ބުންޏެވެ. ކުރީގެ ނޫޓުތަކުގައި ސޮއިކުރައްވައިފައިވަނީ ކުރީގެ ގަވަރުނަރު އާޒިމާ އާދަމްއެވެ. އެކަމަނާ މިދިޔަ އަހަރު އޮގަސްޓު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ގަވަރުނަރުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ އަހުމަދު ނަސީރުއެވެ.

އެމްއެމްއޭއިން 10 އަދި 100 ރުފިޔާގެ އާ ނޫޓުތައް ނެރުނީ ކުރިން ބޭނުންކުރަމުން ދިޔަ ނޫޓުތަކުގެ ސްޓޮކް ދައްވުމުގެ ސަބަބުންނެވެ. އާ ނޫޓުތައް ޗާޕުކޮށްގެން ރާއްޖެ ގެނައީ މިދިޔަ ޖުލައި މަހުގެ ފަސް ވަަނަ ދުވަހުއެވެ.

ރަން ދިހަ ފަހެއް ސީރީސްގެ ނަމުގައި އެމްއެމްއޭއިން އާ ނޫޓުތަކެއް ނެރުނު ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2016 ވަނަ އަހަރުއެވެ. އޭރު އެމްްއެމްއޭއިން ނެރުނު ނޫޓު ތަކުގެ ތެރޭގައި 10، 20، 50، 100، 500 އަދި 1،000 ގެ ނޫޓުތައް ހިމެނެއެވެ. ނަމަވެސް ފަހުން ވަނީ ފަސް ރުފިޔާގެ ނޫޓުތައްވެސް އެމްއެމްއޭއިން ނެރެފައެވެ.

comment ކޮމެންޓް