ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފެންވަރުގެ ވެރިއެއް ނޫނީ ދިވެހި ރައްޔިތުން ގަބޫލުނުކުރާނެ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރު ބަނދަރާއި އެ ރަށުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށެވެ.
"ދިވެހިން މިއަދު މިދެކޭ ޒަމާނަކީ ދިވެހިރާއްޖޭގެ އެންމެ ތުއްތު ކުއްޖާއަށް ވެސް ކިޔަވައިދޭ ކްލާސްރޫމް ގައި ހުންނަން ޖެހޭނީ އެންމެ ދަށްވެގެން ޑިޕްލޮލަމާ ފެންވަރުގެ ޓީޗަރެކޭ. ދިވެހިން މިއަދު މިދެކޭ ޒަމާނަކީ ދިވެހިރާއްޖޭގެ ހަސްފަތާލުތަކުގައި ހިދުމަތް ދެއްވަން ޖެހޭނީ ސްޕެޝަލިސް ޑޮކްޓަރުންނާއި ސްޕެޝަލިސްޓް ނަރުހުންނޭ. މިފަދަ ފެންވަރެއްގެ ދިވެހިން ހިދުމަތްތަކަށް އިންތިޒާރު ކުރަމުންދާއިރު ދިވެހި ގައުމުގެ ވަލިއްޔުލް އަމްރުގެ ކޮޓަރީގައި އިންނަން ޖެހޭނީ ކިހާ ފެންވަރެއްގެ މީހެއްތޯ ދިވެހި ރައްޔިތުން މިއަދު ސުވާލުކުރާ ކަމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިން ބޭނުންވަނީ، ގައުމު ހިންގުމާއި ސިޔާސީ ކަންތައްތަކާއި އިޖުތިމާއީ ކަންތައްތަކުގެ އިތުރުން ސަރުކާރުގެ ކަންތައް ހިނގާގޮތާއި ހިންގުމުގެ ކަންކަން ތަޖުރިބާކުރެވިފައިި ހުރި ވެރިއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިން ގަބޫލުކުރާނީ ރައީސް ޔާމީން ފަދަ ބޭފުޅެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ސިއްހީ ހިދުމަތްތަކާ ބެހޭ އެއްވެސް ވައުދެއް އަދި އެއްވެސް ސިޔާސަތެއް މިހާތަނަށް އަޑު ނީވޭ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެއް ރަށަކަށް އުފަން ނާޒިމް ވިދާޅުވި އެވެ. އެ ދެ ބޭފުޅުންނަކީ އެ އަތޮޅު ހިންނަވަރަށް އުފަން ބޭފުޅުންނެވެ.
ސިއްހީ ދާއިރާއާ ގުޅޭގޮތުން އިދިކޮޅުން ހަމައެކަނި ދައްކަމުން ގެންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހަމައެކަނި ދަންނަވާ ވާހަކައަކީ ދަރުމަަވަންތަ ހޮސްޕިޓަލް މާ އަގު ބޮޑޭ. މިއީ ސިއްހީ ހިދުމަތުގެ ވައުދެއްތޯ؟" ނާޒިމް ވިދާޅުވި އެވެ.