ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކާ މެދު ހިތްހަމަޖެހިވަޑައި ނުގެން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ރައްދު ދެއްވައިފި އެވެ.
މަޖިލީހުގައި މެމްބަރުން ކުރިމަތި ކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީން މިއަދު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައި ވަނީ ކުރީގެ ސަރުކާރުން އެ ދާއިރާއަށް އިހުމާލެވެފައިވާތީ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 187 ތަނެއް ހުރި ނަމަވެސް، އޭގެ ތެރެއިން 60-70 ޕަސެންޓު ތަންތަނުން އެންމެ އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ކުރިއަށް ދަނީ އެކަންތައް ތަރުތީބު ކުރުމުގެ މަސައްކަތް،" ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
އެ ވާހަކަ އަށް ރައްދުދެއްވައި ރައީސް ޔާމީން ސަރުކާރުގައި އެންމެ ފަހުން ހެލްތު މިނިސްޓަރުކަން ކުރެއްވި ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެހެން ބައެއްގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމަކީ ތިމާއާ ހަވާލު ކުރެވިފައިވާ ޒިންމާ އަދާކުރެއްވުން ނޫން ކަމަށެވެ.
"ރައްޔިތުން ހަވާލުކުރި ޒިންމާ އަށް ޖަވާބު ދާރީވެ ލައްވާ،" ނާޒިމް ޓްވީޓް ކުރެއްވި އެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިއަދު ސިއްހީ ދާއިރާގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެގެން އުޅެނީ ސިއްހީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށާއި އެ މައްސަލަތައް ހައްލު ވާނީ ދުރު ވިސްނުމެއް އޮވެގެން ތަސައްވުރެއް އޮވެގެން ކަމަށެވެ.
"ހަމައެކަނި ފައިސާ އޮއްސާލައިގެން ކަންކަން ހައްލެއް ނުވާނެ،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަ އާ ގުޅިގެން މިއަދު މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުން ވަނީ އަޑުގަދަކޮށް، ނުރުހުން ފާޅުކޮށްފަ އެވެ.