ކްލޮޕް ބޭނުންވީ އަހަރެން ލިވަޕޫލްގައި މަޑުކުރުވަން: ކެރިއަސް

ލޮރިސް ކޭރިއަސް ބެކިސްޓަސްއާ ގުޅުނީ ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން--

ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބޭނުންވީ އޭނާ ލިވަޕޫލްގައި މަޑުކުރުވަން ކަމަށް، އެ ޓީމުގެ ކުރީގެ ކީޕަރު ލޮރީސް ކޭރިއަސް ބުނެފި އެވެ.

އާދީއްތަ ދުވަހު ކޭރިއަސް ވަނީ ލިވަޕޫލް ދޫކޮށް ދެ އަހަރު ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން ތުރުކީވިލާތުގެ ބެސިކްޓަސްއާ ގުޅިފައެވެ. ކޭރިއަސް ބެސިކްޓަސްއާ ގުޅުނީ ލިވަޕޫލުން ރެކޯޑު ފީއަކަށް ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ ގެނެސް، އެލިސަންއަށް އެއް ނަމްބަރު ކީޕަރުކަން ދިނުމުންނެވެ.

ބެސިކްޓަސްއިން އޭނާ ދައްކާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޭރިއަސް ބުނީ ކްލޮޕް އޭނާގެ ގާތުގައި ލިވަޕޫލްގައި މަޑު ކުރަން އެދުނު ކަމަށެވެ. އަދި އޭނާ ބުނީ އެންމެ ފެންވަރު ރަނގަޅު ކުޅުންތެރިން ކްލަބުގައި ބައިތިއްބަން ބޭނުންވާ ކަމަށް ކްލޮޕް އޭނާގެ ގާތުގައި ބުނި ކަމަށެވެ.

"އެކަމަކު އަހަރެން އޭނާއާ ވާހަކަ ދައްކައި، އަހަރެން ބޭނުންވާ ގޮތް ކިޔައިދިނިން. އަހަރެން ބެސިކްޓަސްއަށް ކުޅުން މުހިންމު. ގިނަ އިރުތަކެއް ވަންދެން އޭނާއާ ވާހަކަ ދެއްކުމުން އޭނާއަށް އަހަރެންގެ ހާލަތު ވިސްނުނު،" ކޭރިއަސް ބުންޏެވެ.

ކޭރިއަސް ބުނީ އޭނާ އަކީ ގޯލްކީޕަރުންނަށް ބަލާއިރު އަދިވެސް ޒުވާން ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ ބޭނުންވަނީ، ބެސިކްޓަސްގައި ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރައި، ގިނަ ތަށިތަކެއް ހޯދަން ކަމަށް އޭނާ ބުންޏެވެ.

ފާއިތުވި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރު ކުރި އިރު، އެ ފަހަރުގެ މުބާރާތުގެ ފައިނަލް މެޗުގައި ކޭރިއަސް ހެދި ގޯސްތަކުގެ ސަބަބުން ލިވަޕޫލް ވަނީ މެޗުން ބަލިވެފައެވެ. އެފަހުން، ކޭރިއަސް ވަނީ ގިނަ ބައެއްގެ ފާޑުކިޔުމާ މަލާމާތް އަމާޒުވެފައެވެ.

މިިދިޔަ ސީޒަނުގައި ބެސިކްޓަސް ލީގު ނިންމާލީ ހަތަރު ވަނައިގައި އޮވެގެންނެވެ، އެހެން ކަމުން މި ސީޒަނުގައި އެ ޓީމުން ދަނީ ސްކޮޑު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް