އެމްޑީޕީ ސަރުކާރުގައި ހިންގި ކޮންމެ މަޝްރޫއަކަށް ހަ މަޝްރޫއު ހިންގައިދިނިން: ރައީސް ޔާމީން

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ ސަރުކާރުގައި ރާއްޖޭގައި ހިންގި ކޮންމެ މަޝްރޫއަކަށް މިއަދުގެ ސަރުކާރުން ހަ މަޝްރޫއު ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނ. ވެލިދޫއަށް ވަޑައިގެން އެރަށުގެ ފެނާއި ނަރުދަމާގެ ނިޒާމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިކަހަލަ މަޝްރޫއުތައް، އެބޭފުޅުންގެ ސަރުކާރުގައި ތިން އަހަރުގެ ތެރޭގައި ހިންގެވި ކޮންމެ މަޝްރޫއަކަށް، މި ފޮތުން ހަމަ ގައިމުވެސް ހެކި ދޭނެ [ރަށްވެހި ތަރައްގީ ފޮތް] އަޅުގަނޑުމެން ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ހަ މަޝްރޫއު ހިންގައިދިނީމު. ކޮންމެ މަޝްރޫއަކަށް ހަ މަޝްރޫއު ހިންގައިދިނީމު. އަދަދުތައް އެހެރީ ފެންނަން،" ރައީސް ވިދާޅުވި އެވެ.

މިރޭ ރައީސް ޔާމީން ވަނީ، އެމަނިކުފާނު ގެންނެވި ތަރައްގީ ނުބައްލަވައި އިދިކޮޅުގެ ބޭފުޅުން މާލެއިން ފައިބައިވަޑައިގަންނަވާނީ ކިހިނެއްތޯ ސުވާލު ކުރައްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގެ އިރު އިތުރު ފަރާތަށް އެބޭފުޅުން ނުކުންނަވައިފި ނަމަ ފެނިވަޑައިގަންނަވާނީ އެތަނުގައި އަޅަމުންދާ ބިޔަ މިސްކިތް ކަމަށެވެ. އަދި އެތަނުގެ ކައިރިންލާފައި ދާނަަމަ ދެން ފެނިވަޑައިގަންނަވާނީ އަޅަމުން ދާ ބޮޑު ހޯޓާ ކޮމްޕްލެކްސެއް ކަމަށް ވިދާޅުވި އެވެ.

"ދެން މި މީހުން ހުޅުމާލެއަށް ދާން ޖެހެންޏާ ދާން މި ޖެހެނީ މާލޭގެ އިރު ދެކުނު ފަރާތުން. ހަމަ ގައިމުވެސް، ވަރުނުލާ ރާޅުގަނޑަށް އެރި ފަތާފަކާ އެބޭފުޅުން ނުދާނެތާ. އެ ހިސާބަށް ވެސް ނުކުމެވޭކަށް ނެތް. އެއޮށް އަޅާ ނިންމީ އެއްކަލަ ސިނަމާލޭ ބްރިޖު."

ރައީސް ވިދާޅުވީ ވިލިނގިލި ކައިރިން މާލެއިން ފައިބަން ވަޑައިގެންފި ނަމަ ފެންނާނީ އަޅާފައި ހުރި 25 ބުރީގެ އިމާރާތް ކަމަށެވެ.

"އެންމެ ފުރަތަމައިނުން ވެސް މި މީހުން މިތަނުން ނުކުންނަން ބަލާލާއިރު، ކަރެއް ނާރެއް އަރާވަރަށް ބަލާލާއިރު މިތާ މިހިރީ 25 ބުރީގެ އިމާރާތެއް. އެކަމަކު ރައީސް ޔާމީން ލޯނު ނަގައިގެން މި ނަގާ ލާރިއަށް ވާ ގޮތެއް ނުވެސް އެނގޭ. އެކަމަކު 25 ބުރީގެ އިމާރާތެއް އެތާ ހުރީމަ އެވެރިކަން އެތަނަކަށްވެސް ދާކަށް ބޭނުމެއް ނުވޭ. ދެން ކޮން ދިމާލަކުންތޯ މާލެއިން ފައިބާނީ،"

ވެސްޓްޕާކާ ދިމާލަށް ނުކުންނަން ބޭނުން ނަމަ އެތަނުން އިދިކޮޅު ބޭފުޅުންނަށް ފެންނާނީ ރަސްފައްނު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ޖުމްހޫރީ މައިދާން ސަރަހައްދަށް ވަޑައިގެންފި ނަމަ ފެނިވަޑައިގަންނަވާނީ އިއްޒުއްދީން ފާލަން ކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ބްރިޖު އަޅާފައި ހުރި ސަރަހައްދުގައި ބްރިޖު އެޅޭނީ ކިހިނެއްތޯ އިދިކޮޅުގައި ތިއްބެވި ބޭފުޅުން ސުވާލު އުފެއްދެވި ނަމަވެސް ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އެބޭފުޅުންނަށް ދައުވަތު އަރުއްވާނެ ކަމަށެވެ.

"އެކަމަކު ބްރިޖު ހުޅުވާއިރުގައި ވެސް އަޅުގަނޑު އެބޭފުޅުންނަށް ދައުވަތު އަރުވާނަން. އެއީ ދިވެހިރާއްޖޭގައި މިކުރެވޭ ކޮންމެ ކަމަކީ، އަޅުގަނޑުމެންގެ ބަޖެޓަކަށް ވޯޓު ދިނަސް ނުދިނަސް ރައްޔިތުންގެ އެސެޓެއް އެއީ." ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް