ވީއައިއޭގައި ތަރައްގީކުރި ފްރެންޗައިޒް ރެސްޓޯރެންޓުތަކުން އަންނަ މަހު ޚިދުމަތް ލިބޭނެ

އޮގަސްޓް 28، 2018: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ ވޯޓާ ފްރަންޓު ރެސްޓޯރެންޓުތަކުގެ ހިދުމަތް އަންނަ މަހުގެ ކުރީކޮޅު ލިބެންފަށާނެކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ހުޅުލޭ ވޯޓާ ފްރަންޓުގައި ގާއިމްކޮށްފައިވާ އިމާރާތުގައި ފުރަތަމަ ހިދުމަތް ފަށާނީ ފްރެންޗައިޒް ހަތަރު ބްރޭންޑަކާއެކުއެވެ. އެއީ ކޯސްޓާ ކޮފީ، ޕިއްޒާ ހަޓް، ހާވެސްޓް މާކެޓްް އަދި ކޭއެފްސީ އެވެ. މިހާރު މި ރެސްޓޯރެންޓުތަކުގެ އިންޓީރިއާ މަސައްކަތް ދަނީ ކުރިއަށެވެ.

އޮގަސްޓް 28، 2018: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ އެންމެފަހުގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ އެ ރެސްޓޯރެންޓުތަކުގެ ހިދުމަތް ފެށުން ލަސްވީ ފްރެންޗައިޒް ބްރޭންޑު ތަކަކަށް ވުމުން އެ ކުންފުނިތަކުން ބޭނުންވާގޮތަށް އިންޓީރިއާ ބަދަލުކުރުމަށް ކަމަށެވެ.

ސާދަހާސް އަކަފޫޓުގެ އިމާރާތެއްގައި ގާއިމްކުރާ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުމަށް އިންޓަނޭޝަނަލް ފްރެންޗައިސްތައް ގެނައުމަށް ހަވާލުކޮށްފައި ވަނީ އިޓަލީގެ އެޗްއެމްއެސް ހޮސްޓް އިންޓަނޭޝަނަލް އާއެވެ.

މި އިމާރާތުގެ ތިރީބައި ފަރުމާކޮށްފައިވަނީ ލަފާ ފުރޭނެގޮތަކަށް ފަސިންޖަރުންނަށް ޚާޢްސަ ޓާމިނަލެއްގެ ގޮތުގައެވެ. މިހާރު އިންޓަނޭޝަނަލް ޓާމިނަލުން ފެރީ ޓިކެޓުގެ ހިދުމަތް ދޭންޖެހޭތީ ވަރަށް ދަތިވާ ކަމަށާއި ވޯޓާ ފްރަންޓުގެ ތިރިއަށް މި ހިދުމަތް ބަދަލުކުރުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

comment ކޮމެންޓް