ތިން އެއާޕޯޓެއްގެ ރަންވޭ އަންނަ މަހު ނިމޭނެ: އެމްޓީސީސީ

ފުނަދޫ އެއާޕޯޓުގެ މަސައްކަތް ފެށުން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އެމްޓީސީސީ އިން ތަރައްގީކުރާ ތިން އެއާޕޯޓެއްގެ ރަންވޭގެ މަސައްކަތް އަންނަމަހު ނިމޭނެކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިރޭ "ސަން" އަށް ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫ އެއާޕޯޓުގެ ރަންވޭ އަދި އޭޕްރަންގެ މަސައްކަތް އަންނަ މަހުގެ 10 ވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށެވެ.

"މިހާރު ކުރިއަށް ދަނީ އޭބީސީ ލޭޔަރުގެ މަސައްކަތް. ދެ އެއާޕޯޓުގައިވެސް އެއްވަރަކަށް މަސައްކަތް ދަނީ. އަންނަ މަހަށް ނިންމާލެވޭނެ،"

ޒިޔަތު ވިދާޅުވީ ގދ. މާވާރުލުގައި އެމްޓީސީސީ އިން ތަރައްގީކުރާ އެއާޕޯޓު ރަންވޭ އާއި އޭޕްރަންގެ މަސައްކަތްވެސް އަންނަ މަހުުގެ 20 ގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މާވާރުލު އެއާޕޯޓު ގެ ރަންވޭގެ މަސައްކަތަށް ބަލާއިރު އެ އެއާޕޯޓުގައިވެސް އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒިޔަތު ވިދާޅުވިއެވެ.

ހއ. މާފިނޮޅުގައި އަޅާ އެއާޕޯޓުގެ މަސައްކަތްވެސް ކުރަނީ އެމްޓީސީސީ އިންނެވެ. އެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މޫސުން ހުރިގޮތުން މަސައްކަތަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވެފައިވާކަމަށް އެމްޓީސީސީ އިން ބުންޏެވެ.

"އެތަނަށް އެންމެ ފުރަތަމަ ގެންދިޔައީ ހޮޕާ ޑްރެޖަރެއް. އަންނަ ހަފްތާ އެތަނަށް ކަޓާ ޑްރެޖަރެއް ގެންދާނެ. ގެންގޮސް އެތާ އެތެރެއިން ޗެނަލް އެއް ކޮންނާނީ. ކޮނެގެން ދެން މަސައްކަތް ކުރަން ހަމަޖެހިވެފައިވަނީ،" ޒިޔަތު ވިދާޅުވިއެވެ.

މި ތިން އެެއާޕޯޓުގައިވެސް ތަރައްގީކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.

comment ކޮމެންޓް