ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، އެކި މިނިސްްޓްރީތަކުން ގެއްލުނު ފައިސާގެ އަދަދު ޖުމްލަ 1.57 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، ވެރިކަން ލިބިއްޖެ ނަމަ އެ ފައިސާއަށް ވީ ގޮތެއް ބެލުމަށް ތަހުގީގު ކުރާނެތޯ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން އިދިކޮޅު އެމްޑީޕީއާ ސުވާލު ކޮށްފި އެވެ.
ޕީޕީއެމް އިން މިހެން ބުނެފައި މިވަނީ މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުން، މި ސަރުކާރުން ގެއްލުނު ކަމަށް ބުނާ ފައިސާ ހޯދުމަށް ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ގެއްލުނު ފައިސާއާ ގުޅޭ ގޮތުން ހަދާފައިވާ އޮޑިޓް ރިޕޯޓުތަކުގެ ވާހަކަ ކުރިން ދެއްކެވި ބޭފުޅުން އިދިކޮޅާ ގުޅިގެން އެ ވާހަކަ މިހާރު ނުދައްކަވާ ކަމަށެވެ.
"އެހެންވިއްޔާ މިކަންތައް ތަހުގީގު ކުރައްވާނެ ކޮމިޝަނެއް އެމްޑީޕީއިން އިންތިހާބު ނިމުމާ އެކީގައި، އެ ބޭފުޅުންނަށް ލިބުުނު އެއްޗެއް ލިބުނީމާ ކުރަން ކެރިވަޑައިގަންނަވާނެތޯ ސުވާލު އުފައްދަން އަޅުގަނޑުމެން ބޭނުން. އަދި މިއަށް ޖަވާބު ދާރީވެ ވަޑައިގަންނަވަން ގޮވާލަން އަޅުގަނޑުމެން ބޭނުން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހިނގި އެފްޕީއައިޑީ ކޮރަޕްޝަނުގެ މައްސަލަ ކަމަށެވެ. އަދި އެކަމާ ބެހޭގޮތުން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާނެ އެކަކީ، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސްޕޯކްސްޕާސަން، މާރިޔާ އަހްމަދު ދީދީއަށް ކަމަށް އެނާ ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާގެ އަދަދު ލަފާ ކުރަން ބައެއް ފަރާތްތަކަށް އެނގޭ ނަމަވެސް، އެފްޕީއައިޑީގެ މައްސަލައިގައި ގެއްލުނު އަދަދެއްވެސް ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ މިއަދު އެ މައްސަލައިގައި ގެއްލުނު ފައިސާ ހޯދުމަށް ގަރާރެއް ނެރޭނެތޯ އެމްޑީޕީއަށް ސުވާލު ކުރައްވައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން ކެރިވަޑައިގަންނަވާނެތޯ އިބޫއާ ސުވާލު ކުރައްވައިފަ އެވެ.
"އެކަމާ އެންމެ އިސް ވާން ޖެހޭނީ މާރިޔާ. އެއީ ނުސީދާ ގޮތެއްގައި އަޅުގަނޑުމެންނަށް މައުލޫމާތު އެއް ކުރާ ކަމުގައި ވާނަމަ އެފްޕީއައިޑީގެ ކޮރަޕްޝަނުން އެންމެ ގިނަ ފައިސާ ނެންގެވި އެއް ބޭފުޅެއް ކަމުގައިވާ ސަޓޯއާ އޭރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ މާރިޔާ އަހްމަދު ދީދީ. އަދި އިނގިރޭސިވިލާތުގައި ލޯ ޑިގްރީ ނަންގަވަން ވަޑައިގެންނެވި ފައިސާގެ ތެރެއިން ފައިސާ އަކީވެސް އެއީ ތުންތުންމައްޗަށް ވުރެ ސާފުކޮށް އަޅުގަނޑުމެންނަށް ވަނީ އަޑު އިވިފައި." ނިހާން ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކަކީ މީހަކު ދެއްކި ވާހަކައަށް ބުރަވެގެން ކުރާ ތުހުމަތުތަކެއް ކަމަށާއި އެކަމާ ގުޅޭ އެއްވެސް ހެއްކެއް ގަރީނާއެއް ދެއްކުމަށް ނިހާން ގޮވާލެއްވި އެވެ.
އެފްޕީއައިޑީގެ ޚިޔާނާތް ހިނގާފައި ވަނީ ނުވަދިހައިގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. އެފްޕީއައިޑީއަކީ އޭރު އެސްޓީއޯގެ ދަށުން ހިންގަމުން ދިޔަ މަހުގެ ވިޔަފާރި ކުރާ ކުންފުންޏެވެ. އެކުންފުނިން ކުރީ ރާއްޖޭގެ މަސް ބޭރަށް އެކްސްޕޯޓް ކުރުމުގެ މަސައްކަތެވެ. އޭރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުންނެވީ މިހާރު އިދިކޮޅާ ގުޅިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމް އެވެ.