އެއީ ވަކި ފަރުދަކަށް ވިޔަސް ޖަމާއަތަކަށް ވިޔަސް ދިވެހިންގެ މިނިވަންކަމަށް އަރައިގަންނަން ގޮވާ ބަޔަކަށް ވާގިދޭން ހެޔޮ ނުވާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ސީޕީ ހުސެއިން ވަހީދު މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސް އެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް ބަޔަކު އަރައިގަނެ ދިވެހިންގެ މިނިވަންކަން ނިގުޅައިގަތުމަށް ގޮވާލުމަކީ، ބާރަށް އަތްޖަހަން ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެއްވެސް ސަބަބަކާ ހުރެ ނަމަވެސް ދިވެހިންގެ މިނިވަންކަން ނެތިގެން ގޮސްދާނެ ފަދަ ވާހަކަތަކާއި އަމަލުތަކަކީ ހަރު އަޑުން ކުށްވެރި ކުރަން ޖެހޭ ކަންކަން. ވަކި ދިވެއްސަކަށް ވިޔަސް އަދި ޖަމާއަތެއް ކަމަށް ވިޔަސް ދިވެހިންގެ މިނިވަންކަމަށް އަރައިގަންނަން ގޮވާ ބަޔަކަށް ވާގިދޭން ހެޔޮ ނުވާނެ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ފަސްގަނޑާއި މިނިވަންކަމުގެ ދިފާއުގައި ފުރާނައިން ގުރުބާން ވާން ޖެހިއްޖެ ހާލަތެއްގައި ގުރުބާން ވާނެ ދިވެހިން ރާއްޖޭގައި އެބަތިބި ކަމަށާއި ދިވެހި ފުލުހުންނާއި ސިފައިން އަބަދު ވެސް ތިބެނީ އެފަދަ ކަންކަމަށް ލޯ ހުޅުވައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމަކީ "ބީލަމަށް ލެވިފައިވާ ގައުމެއް ނޫން" ކަމަށެވެ.
ހުސައިން ވަހީދު މިހެން ވިދާޅުވެފައިވާ އިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭ ކަމަށް އެގައުމުގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ވަނީ ވިދާޅުވެފަ އެވެ. އޭނާ މިހެން ވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރު ބާތިލުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ ކުރިން ވަނީ އިންޑިއާ ސިފައިން ރާއްޖެއަށް އެރުމަށް ގޮވާލައްވައިފަ އެވެ.
އޭގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ސުބްރަމާނިއަން ވިދާޅުވީ، ރާއްޖެ އިން އިންޑިއާ ލަދުގަންނަވާލާފައިވާ ކަމަށެވެ. އަދި އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން، ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް އިންޑިއާ އިން ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.