ސިޔާސީ މީހުންނަކީ އެމީހުންނަށް ފަސޭހަ ގޮތަކަށް ދުލި ބަދަލުކުރާ ބައެއް: ރައީސް

ރައީސް ޔާމީން ހދ. ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މީހުންނަކީ އެމީހުންނަށް ފަސޭހަ ގޮތަކަށް "ދުލިބަދަލުކުރާ" ބަޔެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ތ. ގުރައިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް މިއަދު ވިދާޅުވީ ސިޔާސީ މީހުންނަކީ އެމީހުންނަށް ބޭނުންވާ ކަމެއްގައި އެމީހުންނަށް ބޭނުންވާ ފަސޭހަ ގޮތަކަށް އެމީހުންގެ ރައުޔު އަނބުރާލައި ވާހަކަ ބަދަލުކުރާ ބަޔެއް ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އުފެދުނީ މިކަހަލަ ކަންކަމާ ދެކޮޅަށް ކަމަށެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް އިން އެންމެ އިސްކަންދެނީ އިސްލާމްދީން ހިމާޔަތްކޮށް އަދުލު އިންސާފު ގާއިމްކުރުމަށް ކަމަށެވެ. ޕީޕީއެމްގެ އިސްސަފުގައި ތިބި މީހުން ބަދަލުނުވި ނަމަވެސް އެކަން ބަދަލުނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ގެއްލުނު ފައިސާގެ އަދަދު 1.572 ބިލިއަނަށް އަރާ ކަމަށެވެ.

"އެހެންވީމާ އެ ބޭފުޅުން ނިކުމެވަޑައިގަންނަވަންވީ އެބޭފުޅުންގެ ސަރުކާރުގައި ގެއްލިފައިވާ ފައިސާ ހޯދުމަށް،"

ރައީސް ވިދާޅުވީ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ގޮތުގައި ތިބެގެން އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރުމުގެ ކުރިން އެ ފައިސާތައް ހޯދަން ޖެހޭ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް މަސައްކަތް ކުރަންވީ އެމްޑީޕީގެ ސަރުކާރުގަައި ގެއްލުނު ފައިސާ އާއި އެޕްފީއައިޑީގެ ފައިސާ ހޯދުމަށް ފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ލިބުނީ ކޮން ބަޔަކަށްކަން ވަރަށް ރަނގަޅަށް އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީ އިން މަސައްކަތް ކުރައްވަން ޖެހޭނެ، އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވެސް މަސައްކަތް ކުރައްވަން ޖެހޭނެ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދަން. އަޅުގަނޑުގެ ސުވާލަކީ އެ ހޯދޭނެ ބާއޭ؟ ހޯދޭނެ ކަމަށް ވަންޏާ އަދި އެ ފައިސާގެ ނަފާ ކޮންބަޔަކަށްތޯ ލިބުނީ، އެ ނަފާ ލިބުނު މީހުން މިކަންކަމާ ދޭތެރޭ ވިސްނާ ކަމަށް ވަންޏާ އަޅުގަނޑު ހިތަށް މިއަރަނީ އެއް އޮޑިއަކުން ސޭފް ޕެސެޖުދޭން ފެބްރުއަރީ އެކެއްގައި ނިކުތް ހުކުމުގައި ރައީސް ނަޝީދާ އެކު ކީއްވެބާއޭ އަދީބު ހިމެނުނީ،"

ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ އަދީބު ދެއްކުމުން ނޫނީ އޭނާ ބޭސްފަރުވާ އަށް ރާޢްޖެއިން ބޭރަށް ނުފޮނުއްވާނެ ކަމަށާއި އެ ފައިސާ ދެއްކުމުން ނޫނީ އަދީބުގެ އިންސާނީ ހައްގެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ބޭސްފަރުވާ އަށް ބޭރަށް ގޮސްތިބި ގައިދީން ރާއްޖެ އަންނާނީ މި ސަރުކާރުގެ ވެރިކަން ނިމުމުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް