އެމެރީގެ ކޯޗު ކަމުގެ ދަށުން ފުރަތަމަ ފަހަރަށް ލީގުގައި އާސެނަލްއަށް މޮޅެއް

ރޭގެ މެޗުގައި އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ---

އާސެނަލްގެ ކޯޗު ކަމާ އުނާއި އެމެރީ ހަވާލުވި ފަހުން އެ ޓީމަށް މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް މޮޅެއް ލިބިއްޖެ އެވެ.

ރޭ އާސެނަލް ލީގުގައި ނުކުތީ ވެސްޓް ހަމްއާ ދެކޮޅަށެވެ. މެޗުގެ 25 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ގޯލު ޖެހީ ވެސްޓް ހަމް އިންނެވެ. އެ ޓީމަށް ގޯލު ޖަހައި ދިނީ އޭރިއާގެ ބޭރުން ނަގައިދިން ޝޮޓަކުން، މާކޯ އާނައުޓަވިޗް އެވެ.

އެހެން ނަމަވެސް، ވެސްޓް ހަމްގެ ލީޑު ދެމި އޮތީ އެންމެ ފަސް މިނެޓަށެވެ. މެޗުގެ 30 ވަނަ މިނެޓުގައި އާސެނަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ ގޯލު ކުރިމަތިން ލިބުނު ހުސް ފުރުސަތެއްގައި ނާޗޯ މޮންރެއާލް އެވެ.

އޭގެ ފަހުން ވެސްޓް ހަމް އިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެހެން ނަަމަވެސް، ދެން ލީޑު ނެގީ އާސެނަލް އިންނެވެ. އެ ޓީމަށް ލީޑު ލިބުނު ގޯލަކީ ލަކަޒެޓް ނެގި ޝޮޓެއް ވެސްޓް ހަމްގެ އިއްސާ ޑިއޮޕްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. އަދި އާސެނަލްއަށް ލީޑު އިތުރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި ޑެނީ ވެލްބެކް އެވެ. ވެލްބެކް ގޯލު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމުމުން ދިން އިތުރު ވަގުތުގެ ތެރޭގަ އެވެ.

ސީޒަނުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާ އިރު އޭގެ ތެރެއިން ފުރަތަމަ ދެ މެޗުން އާސެނަލްވީ ބައްޔެވެ. ފުރަތަމަ މެޗުގައި 2-0ގެ ނަތީޖާއިން މެންޗެސްޓާ ސިޓީ އަތުން ބަލިވި އިރު ދެވަނަ މެޗުން 3-2 ގެ ނަތީޖާއިން ޗެލްސީ އަތުން ވަނީ ބަލިވެފަ އެވެ. ނަމަވެސް، ރޭގެ މޮޅާ އެކު އާސެނަލްއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު އެ ޓީމު މިހާރު އޮތީ ލީގުގެ 11 ވަނައިގަ އެވެ.

ބާވީސް އަހަރަށް ފަހު އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ އެ ޓީމުގެ ކޯޗު ކަމުން ވަކިވުމުން އޭނާގެ ބަދަލުގައި ކޯޗު ކަމަށް ހަމަޖެއްސީ ކުރިން ސެވިއްޔާ އަދި ޕީއެސްޖީގެ ކޯޗުކަން ކުރި އެމެރީ އެވެ. އޭނާ ކޯޗު ކަމާ ހަވާލުވުމުން މި ސީޒަނުގައި އާސެނަލް ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

comment ކޮމެންޓް