ސިޓީ އެއްވަރުވި އިރު، ލިވަޕޫލްއަށް ހަނި މޮޅެއް

ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހު ރޭގެ މެޗުގެ ތެރެއިން-- ފޮޓޯ: އީވްނިން ސްޓޭންޑަޑް

އިއްޔެ ޕްރިމިއާ ލީގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެއްވަރުވި އިރު، ލިވަޕޫލްއަށް ލިބުނު ހަނި މޮޅާ އެކު އެ ޓީމު ލީގުގެ އެއްވަނައަށް ޖެހިލައިފި އެވެ.

މެންޗެސްޓާ ސިޓީ އިއްޔެ ނުކުތީ އަލަށް ލީގަށް ޕްރޮމޯޓުވި ވުލްވާހެމްޓަންއާ ދެކޮޅަށެވެ. އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ސިޓީއިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ޖެހީ ވުލްވްސް އިންނެވެ. އެ ޓީމުގެ ގޯލު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިލީ ބޮލީ އެވެ. ސިޓީއިން މެޗުގެ ނަތީޖާ އެއްވަރު ކުރީ މެޗުގެ 69 ވަނަ މިނެޓުގަ އެވެ. އެ ގޯލު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އައިމެރިކް ލަޕޯޓޭ އެވެ.

މެޗުގައި ސިޓީގެ ސާޖިއޯ އަގުއޭރޯގެ ދެ ޝޮޓެއް ގޯލުގެ ދަނޑިއާ އަމާޒުވި އެވެ. އެގޮތުން މެޗު ނިމެން ކުޑަ އިރުކޮޅަކަށް ވެފައި ވަނިކޮށް ވެސް އޭނާ ޖެހި ޝޮޓެއް ދަނޑިއާ އަމާޒުވި އެވެ.

ލީގުގައި އިއްޔެ ލިވަޕޫލް އިން ނުކުތީ ބްރައިޓަންއާ ދެކޮޅަށެވެ. އެ މެޗުގައި ލިވަޕޫލް އިން ގިނަ ހަމަލާތަކެއް އުފައްދައި މޮޅަށް ކުޅުނެވެ. ލިވަޕޫލް އިން މެޗުގައި ޖެހި ހަމައެކަނި ގޯލު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެ ޓީމުގެ ތަރި މުހައްމަދު ސަލާހު އެވެ.

މި މޮޅާ އެކު ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ އެއްވަނައިގަ އެވެ. ސިޓީ އޮތީ ހަތް ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. ނަމަވެސް، މިއަދު ޗެލްސީ އަދި އަންގާރަ ދުވަހު ޔުނައިޓެޑު ކުޅޭ މެޗުތަކަށް ފަހު ލީގުގެ ސްޓޭންޑިންތަކަށް ބަދަލު އަންނާނެ އެވެ.

އިއްޔެ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އާސެނަލް ވަނީ 3-1 ގެ ނަތީޖާ އިން ވެސްޓް ހަމްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ހަޑާސްފީލްޑް އާ ކާޑީފް ކުޅުނު މެޗު 0-0ގެ ނަތީޖާއިން އެއްވަރުވި އިރު ލެސްޓާ ވަނީ 2-1 އަކުން ސައުތޭމްޓަންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އަދި އެވަޓަން އާ ބޯންމައުތް ކުޅުނު މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

comment ކޮމެންޓް