ކަރަންޓް ކާރު އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ ޓެސްލާ ހިއްސާގެ ބާޒާރުން ޑީލިސްޓްކޮށް، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރާނެކަމަށް އެ ކުންފުނީގެ ސީއީއޯ އަދި ބިލިޔަނަރު އެލަން މަސްކް ކުރިން ވިދާޅުވި ނަމަވެސް އެކަން ނުކުރަން ނިންމައިފި އެވެ.
ޕްރައިވެޓް ކުރުމުން، އިންވެސްޓަރުން ހިތްހަމަޖެއްސުމަށް ކުރު މުއްދަތުގެ މަސައްކަތްތައް ނުކޮށް ކުންފުންޏަށް ފައިދާ ހުރި ދިގު މުއްދަތުގެ މަސައްކަތްތަކާ އެކު ކުރިއަށް ދިއުމުގައި އެއްވެސް ޕްރެޝަރެއް ނޯންނެކަމަށް މަސްކް ވިދާޅުވި އެވެ.
މަސްކްގެ ބޭނުންވި ގޮތަށް، ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ބަދަލު ނުކުރަން ނިންމީ، ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ.
ބޯޑުގެ ނިންމުމާއި ގުޅިގެން މަސްކް ވިދާޅުވީ، ފަހުން އޭނާ ވެސް ބޭނުންވީ ޓެސްލާ ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމަށް ކަމަށެވެ. އަދި ބޯޑުގެ ނިންމުމަކީ މަސްކްގެ ތާއީދާ އެކު ނިންމި ނިންމުމެއް ކަމަށް އެނާ ވިދާޅުވި އެވެ.
އޭނާގެ ހިޔާލު ބަދަލުވީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެއީ ޓެސްލާގެ ހިއްސާގެ އަގު ދައްވަމުން އަންނާތީ އެކަން ހުއްޓުވުމަށް ނިންމި ނިންމުމަކަށް ވެދާނެ އެވެ.
މަސްކް ކުރިން ވިދާޅުވީ، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވާއިރު އެ ކުންފުނީގެ ހިއްސާ ދޫކޮށްލަން ބޭނުންވާ ހިއްސާދާރުންނަށް، ކޮންމެ ހިއްސާއަކަށް 420 ޑޮލަރުގެ ބަދަލެއް ދޭނެ ކަމަށެވެ. އެއީ ޓެސްލާގެ ހިއްސާގެ އަގު އޭރު ހުރި ވަރާ އަޅާ ބަލާއިރު ފަސް ޕަސެންޓް ބޮޑު އަދަދެކެވެ.
ޓެސްލާ، ސްޓޮކް މާކެޓުން ޑީލިސްޓުކޮށް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން ބޭނުންވާ ފައިސާ އިންވެސްޓުކުރަނީ ސައުދީ އަރަބިއްޔާގެ ސޮވެރިން ވެލްތު ފަންޑުން ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.
އެއާއި އެކު ޓެސްލާގެ ހިއްސާގެ އަގު އުފުލިގެން ދިޔަ އެވެ. ނަމަވެސް، ފަހުން ހިއްސާގެ އަގު ދަށްވީ އެވެ. މިހާރު އަގު ވަނީ އޭރު ހުރި ވަރަށް ވުރެ 20 ޕަސެންޓް ވެއްޓިފަ އެވެ.