މޮރީިނިއޯ ދުރުކުރުމަށް ފަހު، ޒިދާން ނުވަތަ ކޮންޓޭ ޔުނައިޓެޑާ ހަވާލުވާނީ!

ޒައިނުއްދީން ޒިދާން އަދި އެންޓޯނިއޯ ކޮންޓޭ: ހޯޒޭ މޮރީނިއޯ ދުރުކުރުމަށް ފަހު މެންޗެސްޓަރ ޔުނައިޓެޑާ ހަވާލުވާން މި ދެކޯޗުންވެސް ޝައުގުވެރިވޭ-- ފޮޓޯ: ގެޓީ

އިނގިރޭސި ޕްރިމިއަރ ލީގަށް ބަލާއިރު، މިދުވަސްވަރު އެންމެ ރަނގަޅަށް ހޫނުފެނަށް ވެއްޓިފައި ހުރި ކޯޗަކީ ކޮބައިތޯ އަހަފިނަމަ ކޮންމެ މީހަކުވެސް އިނގިލި ދިއްކުރާނީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އަށެވެ.

މި ސީޒަންގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ދެމެޗުގެ ތެރޭން ފުރަތަމަ މެޗުގައި 2-1ގެ ނަތީޖާއަކުން ލެސްޓަރ ސިޓީ އަތުން މޮޅުވި ނަމަވެސް އެޓީމު ލީގުގައި ކުޅުނު ދެވަނަ މެޗުގައި ބްރައިޓަންއާ ވާދަކޮށް ވަނީ، 2-3ގެ ނަތީޖާއަކުން ބަލިވެފައެވެ. މިނަތީޖާގެ އިތުރުން، ޕައުލް ޕޮގްބާއާ އަދި އެނޫންވެސް ބައެއް ކުޅުންތެރީންނާމެދު މޮރީނިއޯ ހިތްހަމަ ނުޖެހި ކަންތައްތަކެއް ހިނގާފައި ވަނިކޮށް، މިހާރު ޚަބަރުތައް ފެތުރިފައި ވަނީ، މޮރީނިއޯގެ ބަދަލުގައި ޓީމު ހަވާލުކުރާނެ ކޯޗަކުން ހޯދުމަށް ކޯޗުންގެ ލިސްޓެއް ޔުނައިޓެޑުން އެކުލަވާލާފައިވާ ކަމަށެވެ.

ރެއާލް މެޑްރިޑަށް ޖައްސަޖައްސައިގެ ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ދިނުމަށް ފަހު، ކުުއްލިއަކަށް އެޓީމާ ވަކިވި ކޯޗު ޒައިނުއްދީން ޒިދާން މިވަގުތު ހުރީ އެއްވެސް ޓީމަކާ ހަވާލު ނުވެއެވެ.

ކުރިއަށް އޮތްތާނގައި ވެސް ކޯޗިންގެ ދާއިރާއިން އޭނާ ފެންނާނޭ ކަމަށް ޒިދާން ބުނެފައި ވާއިރު، އިނގިރޭސި ނޫހެއް ކަމަށްވާ ޑެއިލީ މެއިލުން ބުނީ، ޔުނައިޓެޑުން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ އެކަން ގަބޫލުކުރާނޭ ކަމަށް ޒިދާން އޭނާގެ ރަހްމަތްތެރިއަކު ގާތު ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން، މިދިޔަ ސީޒަނުގައި ޗެލްސީއަށް ކޯޗުކޮށް ދިނުމަށް ފަހު އެ ކްލަބުން ދޫކޮށްލުމުން މިވަގުތު ހުސްކޮށް ހުރި އިޓަލީއަށް ނިސްބަތްވާ ތަޖްރިބާކާރު ކޯޗު އެންޓޯނިއޯ ކޮންޓޭވެސް ހުރީ ޔުނައިޓެޑުން ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ގަބޫލުކުރާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓީމުތެރޭގައި މައްސަލަތައް ބޮޑުނަމަވެސް އަމިއްލައަށް ކޯޗުކަމުން ވަކިވާން ބޭނުން ނޫންކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފަރ ގައި މޮރީނިއޯ ގެންނަން ބޭނުންވާ ވަރަށް ރަނގަޅު ކުޅުންތެރީން ހޯދަން ކްލަބުން މަސައްކަތް ކޮށްފައި ނުވާތީ އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ.

comment ކޮމެންޓް