(މިނާ، މައްކާ):
މި އަހަރުގެ ހައްޖު މޫސުމާ ދިމާކޮށް ސައުދީ އަރަބިއްޔާއިން، ހައްޖުވެރީންނަށް ސިއްހީގޮތުން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެކުލަވާލި ޕްލޭންތައް ވަރަށް ކާމިޔާބުކަމަށް ސައުދީ ސިއްހަތާ ބެހޭ ވަޒީރު، ޑރ. ތަވްފީގު ބިން ފަވްޒާން އަލް ރާބިއާ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، މިނާގެ އިމަޖެންސީ ހޮސްޕިޓަލްތަކުގެ މައި މަރުކަޒުގައި ނޫސްވެރީންނާ ބައްދަލުކުރައްވައި، ޑރ. ފަވްޒާން ވިދާޅުވީ، 1439 ވަނަ އަހަރުގެ ހައްޖު ސީޒަނަކީ، އެހެން އަހަރުތަކާ ޚިލާފަށް ރޯގާއާއި ބަލިމަޑުކަމެއް ފެތުރުނަ ނުދީ، ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ހައްޖު މޫސުމެއް ކަމަށެވެ.
ސައުދީ ސިއްހަތާބެހޭ ވަޒީރު ވިދާޅުވީ، މިފަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން އާންމު ސިއްހަތާ ބެހޭގޮތުން އެކުލަވާލި ޕްލޭން ވަރަށް ކާމިޔާބު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން، މިއަހަރަކީ "އެޕިޑެމިކްސް ފްރީ" ހައްޖު ސީޒަނެއް ކަމަށެވެ.
ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސައުދުގެ ސީދާ އިރުޝާދުގެ ދަށުން ސައުދީގެ ކަމާގުޅޭ އެކިއެކި މުއައްސަސާތަކުން ވަނީ މިއަހަރުގެ ހައްޖު މޫސުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެގޮތުން، ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، މަގުމަތީގެ ސާފުތާހިރުކަން ބެލެހެއްޓުމާއި، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމާއި، ކުއްލި ހާލަތުގައި ފަރުވާ ދިނުމާއި، ހައްޖުވެރީންގެ ދަތުރުފަތުރުގެ ކަންކަންވެސް މި ފަހަރު ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްދީފައެވެ.
ހައްޖުވެރީންގެ ސިއްހީ ކަންކަން ރަނގަޅަށް ބެލެހެއްޓުމާއި ސިއްހީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ސައުދީ ލީޑަޝިޕުން ދެއްވި އެއްބާރުލެއްވުން، ސިއްހަތާ ބެހޭ ވަޒީރު ޑރ. ފަވްޒާން ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ހައްޖުވެރީންގެ ސިއްހީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެލެހެއްޓުމަށްޓަކައި ޚާއްސަ ޕްލޭނެއް އެކުލަވައިލުމަށާއި ތަންނަތަށް އެއްފަހަރާ ގިނައަދަދެއްގެ މީހުން އެއްވާ ހާލަތުގައި ކްރައުޑް ހޭންޑްލްކުރުން ފަދަ ކަންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އެހީތެރިކަން ހޯއްދެވި ކަމަށެވެ.
މިއަހަރުގެ ހައްޖުމޫސުން އެންމެ ފުރިހަމަ ގޮތުގައި އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ސައުދީ ރަސްގެފާނު، ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރެެއްވި މަސައްކަތްޕުޅު ފާޙަގަކުރައްވައި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލް-އުޘައިމީން ވެސް ވަނީ، ސައުދީ ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި ސައުދީއަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ޖަމާވިއެވެ.